އިސްލާމިކް ސްޓޭޓް ( އައިއެސް) އަށް ވުރެ ބޮޑު ނުރައްކަލެއް އެމެރިކާ އަށް ކުރިމަތި ކުރާނެ ގްރޫޕެއް އުޅޭ ކަމަށް އެމެރިކާ އިން ބުނަން ފަށައިފި އެވެ.

އެމެރިކާގެ ޖާސޫސީ އިސްވެރިންނާ ހަވާލާދީ ހުޅަނގުގެ މީޑިއާތަކުން ހަބަރުފަތުރާފައިވާ ގޮތުގައި ސޫރިޔާގައި ހަރަކާތްތެރިވާ އަލް ގައިދާގެ ގޮފި "ޖަބުހަތުއް ނުސްރާ" އާ ގާތް ގުޅުމެއް އޮންނަ "ޚުރާސާން" ނަމަކަށް ކިޔާ އެގްރޫޕުން ރާވަމުން ދަނީ އެމެރިކާގެ މެއިންލޭންޑަށް ހަމަލާ ދިނުމަށެވެ. އަދި އެގްރޫޕުގައި ހިމެނެނީ އަފްޣާނިސްތާނާއި ޕާކިސްތާނާއި އެނޫން ވެސް ތަންތަނުގައި އަލްގައިދާއާ އެކު ގިނަ ދުވަސްތަކެއް ވަންދެން ހަނގުރާމަކޮށްފައިވާ މީހުންނެވެ.

އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސްގެ ޑައިރެކްޓަރު ޖޭމްސް ކްލެޕާ ބުނި ކަމަށް އެސޯސިއޭޓެޑްޕްރެސް (އޭޕީ) އިން ކުރިން ބުނެފައި ވަނީ ޚުރާސާން އަކީ މެދުއިރުމައްޗަށް އޮތް ނުރައްކަލެއް ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި އެއީ ސީދާ އެމެރިކާ އަށް އޮތް ނުރައްކަލެކެވެ.

އެގްރޫޕުގެ ވެރިއެއްގެ ގޮތުގައި އުޅޭ ކަމަށް އެމެރިކާ އިން ބުނާ މީހެއްގެ ބޮލަށް އެމެރިކާ އިން ވަނީ ހަތް މިލިޔަން ޑޮލަރުގެ އިނާމެއް ވެސް ހުށަހަޅާފަ އެވެ. މުޙުސިން އަލް ފަޞުލީ ނަމަކަށް ކިޔާ އެމީހާ އަކީ އެމެރިކާގެ ޓުވިން ޓަވަރު ގޮއްވައިލި 11/9 ހަމަލާ ރޭވުމުގައި ބައިވެރިވެފައިވާ މީހެއް ކަމަށް ވެސް އެމެރިކާއިން ވަނީ ބުނެފަ އެވެ.

ނަމަވެސް ޖަބުހަތުއް ނުސްރާއިން ތުހުމަތުކުރާ ގޮތުގައި ޚުރާސާން ނަމަކަށް ކިޔާ ބަޔަކު އެމީހުންގެ ތެރޭގައި އުޅޭ ކަމަށް އެމެރިކާ އިން ބުނަމުން ދަނީ އައިއެސްއާ ދެކޮޅަށް ކަމަށް ބުނެ ފެށި ހަމަލާތައް އެމީހުންނަށް ވެސް އަމާޒު ކުރުމަށެވެ. ޚުރާސާން ނަމަކަށް ކިޔާ ވަކި ގްރޫޕެއް ނޫޅޭ ކަމަށް އެމެރިކާގެ ބައެއް އޮފިޝަލުން ވެސް ކުރިން ބުނެފައިވެ އެވެ.