ރަށު ކައުންސިލް އިދާރާގެ ފަރާތުން މާމިގިލީ ދެކުނު އަވަށު މީހުން ދިރިއުޅޭ ސަރަހައްދުގައި ހިނަވާގެއެއް އަޅާތީ އެ މަސައްކަތަށް ހުރަސްއެޅި ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ކައުންސިލް އިދާރާ އިން އިއްޔެ ކުރަމުން ގެންދިޔަ އިމާރާތް ކުރުމުގެ މަސައްކަތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހަތް މީހަކު ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި މީހުން ކައުންސިލްގެ މަސައްކަތަށް ހުރަސްއެޅުމުގެ އިތުރުން އެެ ސަރަހައްދުގައި ހަމަނުޖެހުން ހިންގާފައިވާ ކަަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އެ ރަށުން ވާހަކަ ދެއްކި މީހަކު މިއަދު ސަން އަށް ބުނީ ރައްޔިތުންގެ ތެރެެއިން ބަޔަކު އިއްޔެ ވެސް ނުކުމެ ހިނަވާގެ އަޅާ މައްސަލާގައި ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ހިތްްހަމަނުޖެހުން ފާޅުކުރީ އެ ރަށުގެ ދެކުނު އަވަށުގައި ހުންނަ މިސްކިތުގެ ގޯތި ތެރޭގައި ހިނަވާގެއެއް އަޅާތީ ކަމަަށެވެ. އަދި އެއްވި މީހުން ބޭނުން ވަނީ އެ ހިނަވާގެ ރަށުގެ މީހުން އުޅޭ ސަރަހައްދާ ދުރުގައި އެޅުމަށް ކަމަށް ވެސް އެމީހާ ބުންްޏެވެ.

"ރައްޔިތުން ދިރިއުޅެމުންދާ ސަރަހައްދެއްގެ މެދު ތެރޭގައި ހުރި މިސްކިތެއްގެ ތެރޭގައި ހިނަވާގެ އަޅާތީ އާއި ސަހަރާ ވެސް މިހާރު ހުރީ މީހުން އުޅޭ ގެތަކުގެ ސަރަހައްދުގައި ކަމުގައި ވާތީ އެމީހުން ބޭނުން ނުވަނީ ސަހަރާ އާއި ހިނަވާގެ އާއި ދެތަން އެސަރަހައްދުގައި ބަހައްޓަން. މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އެބަ ހުރި މިސްކިތެއް ހިއްކާފައި އޮތް ސަރަހައްދުގައި. ރައްޔިތުން ބޭނުން ވަނީ އެ މިސްކިތުގައި ހިނަވާގެ އަޅަން،" މާމިގިލިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އެ ރަށު ކައުންސިލްގެ އިދާރާ އިން ބުނީ މިހާރު ކައުންސިލުން އަމަލުކުރަމުން ގެންދާ އުސޫލުގެ ދަށުން ޖަވާބުދާރީ ވެވޭނީ ލިޔެކިޔުމުން ކަމަށެވެ. އެހެންވެ އެ ފަރާތުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.