ރިޔާޟް (ސެޕްޓެމްބަރ 24) : ސޫރިޔާގެ އުތުރުގައިވާ އައިއެސް ޖަމާއަތުގެ އަމާޒުތަކަށް އެމެރިކާ ދެމުންގެންދާ ހަމަލާތަކުގައި ބައިވެރިވާކަން ސައޫދީ އަރަބިޔާއާއި އުރުދުން އާއި ބަހްރައިންއާ އަދި ޔޫއޭއީން ރަސްމީކޮށް ހާމަކޮށްފި އެވެ.

ސައޫދީ ސަރުކާރުގެ އިސް މަސްއޫލުވެރިއަކާ ޙަވާލާދީ އެގައުމުގެ ރަސްމީ ނޫސްއެޖެންސީ ބުނީ ސޫރިޔާގެ އުތުރުގައިވާ އައިއެސް ޖަމާއަތުގެ އަމާޒުތަކަށް ޙަމަލާދިނުމުގައި ސައޫދީ ވައިގެ ސިފައިން ބައިވެރިވެފައިވާ ކަމަށާ މިކަމުގެ ބޭނުމަކީ ސޫރިޔާގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރާ މެދުމިނުގެ ޖަމާއަތްތަކަށް އެހީތެރިވުމާއި ސޫރިޔާ އަށް ހަމަޖެހުމާއި ސުލްހަ ގެނައުމަށް މަގުފަހިކުރުމެވެ. ސައޫދީ އަރަބިޔާއަކީ އިރާގުގެ ރައީސް ސައްދާމް ޙުސައިންގެ ސަރުކާރު ވައްޓާލުމަށް އެމެރިކާ ކުރި ހަނގުރާމައިގައި ވެސް އަސްކަރީ ގޮތުންނާއި މާލީ ގޮތުންނާ އަދި ސިޔާސީ ގޮތުން އެހީތެރިވެފައިވާ ގައުމެކެވެ. އަދި ސޫރިޔާގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ފްރީސިރިޔަން އާމީ ޖަމާއަތަށް ހަތިޔާރާއި ތަމްރީނާއި މާލީ އެހީ ދިނުމުގައި ވެސް ސައޫދީންގެ ދައުރު ވަރަށް ބޮޑެވެ. މީގެ އިތުރުން ސައޫދީ އަރަބިޔާ އިން ވަނީ މިސްރުގައި ދިމުގްރާތީ ގޮތުން އެންމެ ފުރަތަމަ އިންތިޚާބު ކުރެވުނު އިސްލާމީ ފިކުރުގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަމާ އިދިކޮޅަށް މިސްރުގެ ސިފައިން ގެނައި އިންގިލާބަށް ވެސް ތާއީދުކޮށްފަ އެވެ.
ސޫރިޔާގައިވާ އައިއެސް ޖަމާއަތުގެ އަމާޒުތަކަށް އެމެރިކާ ދެމުންގެންދާ ހަމަލާތަކުގައި ބައިވެރިވާކަން ހާމަކުރައްވަމުން އުރުދުންގެ އިންފޮމޭޝަން މިނިސްޓަރު މުޙައްމަދު މުއްމިން ވިދާޅުވީ އެމެރިކާއާ ބައިވެރިގވެގެން އުރުދުންގެ ވައިގެ ސިފައިން ސޫރިޔާގައިވާ އައިއެސްގެ މަރުކަޒުތަކަށް ޙަމަލާދެމުން ގެންދާކަމަށާއި މިޙަމަލާތައް ދެނީ އައިއެސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތަކަށްވެފައި އެޖަމާއަތުން އުރުދުންގެ އަމަނާއި ސަލާމަތަށް ނުރައްކާ ކުރަމުން ގެންދާތީ ކަމުގަ އެވެ.
ސައޫދީ އަރަބިޔާގެ ނުފޫޒު ހިނގާ އަރަބި ކުޑަ ގައުމެއް ކަމަށްވާ ބަހްރައިންގެ ސަރުކާރުން ވެސް ވަނީ ސޫރިޔާގައިވާ އައިއެސްގެ އަމާޒުތަކަށް އެމެރިކާ ދެމުންގެންދާ ހަމަލާތަކުގައި ބަޙްރައިންގެ ވައިގެ ސިފައިން ބައިވެރިވާކަން ކަށަވަރުކޮށް ދޭކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ. އަދި ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ ޚާރިޖިއްޔާ އިން ވެސް ވަނީ ސޫރިޔާގައިވާ އައިއެސްގެ އަމާޒުތަކަށް ޙަމަލާދިނުމުގައި އެގައުމުގެ ވައިގެ ސިފައިން ބައިވެރިވަމުންދާކަން ހާމަކޮށްފަ އެވެ. އެމެރިކާގެ ހަމަލާތަކުގައި ގަތަރުން ވެސް ބައިވެރިވާ ކަމަށް އެމެރިކާ ބުނެ އެވެ. ނަމަވެސް ގަތަރުން މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ޔޫއޭއީގެ ޚާރިޖިއްޔާ އިން ބުނީ އެމެރިކާގެ ޙަމަލާތަކުގައި ބައިވެރިވީ އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން ހިންގާ އަސްކަރީ އޮޕަރޭޝަންގައި ގަލްފުގެ އަރަބި ގައުމުތަކާއި ބައިނަލްއަގްވާމީ މުޖްތަމައު ބައިވެރިވާތީ އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމުގަ އެވެ. )އަލްޖަޒީރާ)