މޯލްޑިވިޔަން ޑިމޮކުރެޓިކް ޕާޓީ (އެމްޑީޕީ) އޮފީހުގެ ބިއްލޫރި ގަނޑު އަނެއްކާ ވެސް ތަޅާލައިފި އެވެ.

ސޯސަން މަގުގައި ހުންނަ އެ ޕާޓީގެ މައި އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލުމާ ގުޅިގެން އެމްޑީޕީގެ އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ އެ ބިއްލޫރި ގަނޑު ތަޅާލާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

"މީގެ ކުރިން ވެސް ބިއްލޫރި ތަޅާތީ އަޅުގަނޑުމެން މިހުންނަނީ އެތެރެއިން ޕްލާސްޓިކް ފްރޭމެއް ހަރުކޮށްފައި، އެހެން ހުއްޓާ ރޭ ވެސް ބޭރުން ޖަހާފައި އިން ބިއްލޫރި ގަނޑު ތަޅާލާފައި މިވަނީ،" އެމްޑީޕީގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލި ނަމަވެސް އެ އޮފީހުގެ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

އެމްޑީޕީ އޮފީހުގެ ބިއްލޫރިތައް ތަޅާލާފައި -- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

"ސަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 12:10 އެހާކަންހާ އިރު އެމްޑީޕީ އޮފީހުގެ ބިއްލޫރީ ގަނޑު ތަޅާލާފައިވާ ކަމުގެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މިހާރު އެ މައްސަލަ ތަޙްގީގު ކުރަމުންދާ ކަމަށާއި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ޕޮލިހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސަންގެ ނޫސްވެރިން އެ ސަރަހައްދަށް ގޮސް ބެލިި އިރު އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު ތިން ތަނަކުން ތަޅާލާފައިވާ ތަން ވަނީ ފެނިފަ އެވެ.

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ވަނީ އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފަ އެވެ. ރޭ ގެ ކުރިން އެންމެ ފަހުން އެއޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.