ވޮޝިންޓަން (ސެޕްޓެމްބަރ 24) : ސޫރިޔާގެ އުތުރު ސިޓީއެއް ކަމަށްވާ އައްރިއްޤާ އަށް ޙަމަލާތައް ދެމުންގެން ދިޔަ އެމެރިކާގެ ޑްރޯން މަތިންދާބޯޓެއް ވައްޓާލައިފިކަން އައިއެސް ޖަމާއަތުން ކަށަވަރުކޮށްދީފި އެވެ.

އައިއެސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާގެ ޑްރޯން މަތިންދާބޯޓު ވައްޓާލީ އައްރިއްގާ ސިޓީގެ ކޮމިއުނިކޭޝަން ޓަވަރަކަށާއި ވިޔަފާރި މަރުކަޒަކަށް ހަމަލާތައް ދެމުން ގެންދަނިކޮށް ކަމުގަ އެވެ. އައިއެސް އިން ވަނީ އެޖަމާއަތުން ވައްޓާލި އެމެރިކާގެ ޑްރޯން މަތިންދާބޯޓުގެ ބައިތައް ވެސް ދައްކާލާފަ އެވެ. ނަމަވެސް އައިއެސްއިން މި ބޯޓު ވައްޓާލި ކަމަށް އެމެރިކާ އަދި އެއްބަސްވެފައެއް ނުވެ އެވެ. އަފްޣާން ހަނގުރާމައިގާ ތާލިބާނުން ވައްޓާލާ އެމެރިކާގެ މަތިންދާބޯޓުތައް ވެއްޓުނު ކަމަށް ވެސް އެއްބަސްވުމަށް ދެކޮޅު ހެދުމަކީ އެމެރިކާގެ އާންމު ކަމެކެވެ. ނަމަވެސް ވައްޓާލާ ކަމަށް ބުނާ ބޯޓު ނޫނީ ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ފަންނީ މައްސަލައަކުން ކަމަށްބުނެ އެކަމަށް ފަހުން އެމެރިކާ އެއްބަސްވެފައިވެ އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން އިއްޔެ ބުނެފައި ވަނީ ސޫރިޔާގެ އުތުރުގައިވާ އައިއެސްގެ މަރުކަޒުތަކަށާއި ޖަބްހަތުއްނުސްރާގެ މަރުކަޒުތަކަށް އިއްޔެ ދިން ޙަމަލާތައް ކާމިޔާބު ކަމަށާއި ހަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި އައްރިއްގާ ސިޓީގައިވާ އައިއެސްގެ އިދާރީ މަރުކަޒަކާއި މާލީ ކަންތައްތަކާ ބެހޭ މަރުކަޒެއް ހިމެނޭކަމުގަ އެވެ. ނަމަވެސް އެމެރިކާގެ މި ޙަމަލާތަކުގައި އައިއެސް ޖަމާއަތަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް ޕެންޓަގަންއިން ހާމަކޮށްފައެއްނުވެ އެވެ.

ޕެންޓަގަން އިން ބުނީ ސޫރިޔާގެ އުތުރުގައިވާ އައިއެސްއާއި ޖަބްހަތުއްނުސްރާގެ އަމާޒުތަކަށް ބޮންއެޅުމުގެ އިތުރުން 160 އަށްވުރެ ގިނަ ރޮކެޓް ޙަމަލާތައް ވެސް ދީފައިވާނެ ކަމުގަ އެވެ. މި 160 ރޮކެޓްގެ ތެރެއިން 47 ރޮކެޓަކީ ކްރޫޒް ތޯމަހޮކް މަރުކާގެ ރޮކެޓް ކަމަށްވެސް ޕެންޓަގަން އިން ބުނެފައިވެ އެވެ.

އައިއެސްގެ އަމާޒުތަކަށް ދޭ ހަމަލާތައް އެޖަމާއަތް ބަލިކަށިކޮށްލެވެންދެން ނޫނީ އެޖަމާއަތް ނައްތާލެވެންދެން ދެމުންގެންދާނެ ކަމަށް އެމެރިކާ ބުނެ އެވެ. ނަމަވެސް ހަމައެކަނި ވައިގެ ހަމަލާތަކަކުން އައިއެސް ބަލިކޮށްލުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއްކަމާމެދު ތަޖްރިބާކާރުން ޝައްކު ކުރެ އެވެ. އަދި އެމެރިކާގެ ވައިގެ ހަމަލާތަކުގައި އިރާގާއި ސޫރިޔާގެ ގިނަ އަދަދެއްގެ އާންމުން މަރުވެ އައިއެސްއާ ހަނގުރާމަ ކުރުމުގެ ނަމުގައި ހަނގުރާމައިގެ ޖަރީމާތައް އެމެރިކާ ހިންގާނެކަމަށްވެސް ވަނީ ބެލެވިފަ އެވެ. (އަލްޖަޒީރާ)