ޓެކްސް ނަގަމުންދާ ގޮތާއި ޓެކުހާ ބެހޭ ތަފާތު މައުލޫމާތުތައް ފޯރުކޮށްދިނުމަށް ހާއްސަ ސެޝަނެއް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ކުރިއަށް ގެންގޮސްފި އެވެ.

ސޯސަންމަގުގައި ހުންނަ ގައުމީ ޔުނިވާސިޓީގެ އިދާރާގައި ކުރިއަށްގެންދިޔަ މައުލޫމާތު ދިނުމުގެ ސެޝަނުގައި މައުލޫމާތު ދެއްވާފައި ވަނީ އެކި ގައުމުތަކުގައި ޓެކުހާބެހޭ މައުލޫމާތުތައް ފޯރުކޮށްދެމުން އަންނަ ތަޖުރިބާކާރެއް ކަމަށްވާ ޕްރޮފެސަރު ޑރ. ކެވިން ހޯމްސް އެވެ.

އެމްއެންޔޫ އާއި މީރާ ގުޅިގެން ބޭއްވި ޓެކުހާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނުގެ ބައިވެރިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މީރާގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަލީ ރިޔާޒް ވިދާޅުވީ، ޓެކުހަކީ މިހާރު ދިވެހިންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަމަށް ވާތީ އެ ސެޝަނުގައި ޓެކުހާ ބެހޭ އެންމެހާ މައުލޫމާތުތައް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ޓެކްސް ދައްކާ ފަރާތްތަކާއި ވިޔަފާރިވެރިންގެ އިތުރުން ސްކޫލް ކުދިންނަށް ވެސް އެ ސެޝަނުގެ ސަބަބުން ފައިދާތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެންޔޫ އާއި މީރާ ގުޅިގެން ބޭއްވި ޓެކުހާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނުގެ ބައިވެރިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

"ޓެކުހަކީ މިހާރު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވަރަށް މުހިންމު ބަޔަކަށް ވެފައި މިވަނީ. އެހެންވީމަ މި މައުލޫމާތު ތަކަކީ ހުރިހާ ފަރާތްތަކަށް ވެސް ވަރަށް ބޭނުންވެރި މައުލޫމާތު ތަކެއް. ޓެކުހާ ގުޅޭ ގިނަ މައުލޫމާތުތަކެއް މި ސެޝަނުން ލިއްބައިދޭނެ،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސެޝަނަކީ މީރާއިން ފަށައިގެން ކުރިއަށް ގެންދާ ސެޝަނެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މަހަކު އެއްފަހަރު އެ ސެޝަން ބޭއްވުމަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ.
އެމްއެންޔޫ އާއި މީރާ ގުޅިގެން ބޭއްވި ޓެކުހާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނުގެ ބައިވެރިން -- ސަން ފޮޓޯ: ފަޔާޒު މޫސާ