23 Sep 2014, 21:14
އޭޝިއަން ގޭމްސްގެ އަންހެން ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ އަންހެން ވޮލީ ޓީމު ކުޅުނު ދެވަނަ މެޗުން މިއަދު ކަޒްކްސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.
ކޮރެއާގެ އިޗިއޮންގައި މިހާރު ކުރިއަށްދާ 17 ވަނަ އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ވޮލީ ޓީމު ކުޅުނު ފުރަތަމަމެޗުގައި އިއް ޗައިނީޒް ޓައިޕޭއާ ވާދަކޮށް ވެސް ރާއްޖެވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ.

ރާއްޖޭގެ އަންހެން ވޮލީޓީމު ކަޒަކްސްތާނާ ދެކޮޅަށް މިއަދު ކުޅުނު މެޗުގެ ތެރެއިން -- އެމްއޯސީ ފޮޓޯ: ޝިމާޒް ޢަލީ
އިންޗިއޯންގެ ސޮންޏިމް ޖިމްނޭޒިއަމްގައި މިއަދު ކުޅުނު އެ މެޗުގެ ސެޓްތައް ކަޒަކްސްތާން ޓީމުން ގެންދިޔައީ، 25-6، 25-10 އަދި ހަމަ 25-10 ޕޮއިންޓުންނެވެ.

ރާއްޖޭގެ އަންހެން ވޮލީޓީމު ކަޒަކްސްތާނާ ދެކޮޅަށް މިއަދު ކުޅުނު މެޗުގެ ތެރެއިން -- އެމްއޯސީ ފޮޓޯ: ޝިމާޒް ޢަލީ
ޗައިނާގެ ގުއާންޒޫގައި 2010 ވަނަ އަހަރު ބޭއްވި 16 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ އަންހެން ވޮލީ ޓީމު ވަނީ، އެފަހަރު ރާއްޖެއާ އެއް ގްރޫޕެއްގައި ހިމެނުނު ތަޖިކިސްތާން އަތުން ސީދާ ތިން ސެޓުން މޮޅުވެފައެވެ. އެއީ ބައިނަލްއަގްވާމީ މެޗެއްގައި ރާއްޖޭގެ އަންހެން ވޮލީޓީމު މޮޅުވި ފުރަތަމަ ފަހަރެވެ. އެފަހަރު ވެސް ކަޒަކްސްތާނާ ރާއްޖެ ވާދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ކަޒަކްސްތާން ޓީމެވެ.
ގްރޫޕް ސްޓޭޖްގައި ރާއްޖޭގެ އަންހެން ޓީމު ކުޅޭ ތިން ވަނަ މެޗުގައި ބުދަ ދުވަހު ޗައިނާއާ ވާދަކުރުމަށްފަހު، ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ބުރާސްފަތި ދުވަހު ރާއްޖެ ނުކުންނާނީ ހޮންކޮންގާ ދެކޮޅަށެވެ.

މިއަދު ކަޒަކްސްތާނާ ދެކޮޅަށް ރާއްޖޭގެ އަންހެން ވޮލީ ޓީމު ކުޅެމުން ދިޔައިރު ރާއްޖޭ ޓީމަށް ސަޕޯޓު ދެނީ -- އެމްއޯސީ ފޮޓޯ: އިމޭޖަސް.އެމްވީ