20 Jan 2011, 22:34
ރައީސް މުހައްމަދު އަމީން ލ. މާވަަށަށް ވަޑައިގަތުމުން އަތިރިމަތީގައި ހުންނަވާފައި " މުހައްމައިދީ، ޅޭއް، ޅޭއްޔޭ!" ވިދާޅުވެ އަމީންގެ މުލައްދަނޑީގައި ހިއްޕެވީ ކޮންބޭފުޅެއްކަން އެނގޭ ހެއްޔެވެ؟ އެބޭފުޅަކު އުމުރުފުޅުން 115 އަހަރު ދުނިޔޭގައި ހުންނެވުމަށްފަހު މިދިއަ އާދީއްތަ ދުވަހުގެ ރޭ މެންދަމު އަވަހާރަވެއްޖެ އެވެ. މި ހާއްސަ ބޭފުޅަކީ ރަސްމީ އައިޑެންޓިޓީ ކާޑުން ދައްކާ ގޮތުގައި ޖޫން 8، 1910 ގައި އުފަންވެ ވަޑައިގެންނެވި ލ. މާވަށު ހީނާމާގޭ ހުސައިން ކަލޭފާނެވެ. ރަސްމީ އައިޑެންޓީ ކާޑުން ދައްކާ ގޮތުން ކަލޭފާނުގެ އުމުރުފުޅަކީ 101 އަހަރެވެ. ނަމަވެސް ކަލޭފާނުގެ ހަނދާންތަކަށް ރިއާޔަތްކޮށް އާއިލާއިން ބުނަނީ ކަލޭފާނުގެ އުމުރުފުޅަކީ 115 އަހަރު ކަމަށެވެ. "101 އެއީ އައިޑީ ކާޑުން ފެންނަ ތާރީހު، އަޅުގަނޑުމެން ލަފާ ކުރަނީ ބައްޕައަށް 115 އަހަރު ވެދާނެ ކަމަށް،" ދުނިޔޭގައި ތިއްބެވި ކަލޭފާނުގެ ބޭފުޅުންގެ ތެރެއިން މާވަށު ސީނިއާ މެޖިސްޓްރޭޓް އަލީ ޝަރީފު ވިދާޅުވި އެވެ. ހުސައިންކަލޭފާނު އަވަހާރަވީ މުސްކުޅި ބަލީގެ އާލާސްކަންފުޅުގައި އޮންނަވާތާ ދުވަސްތަކެއް ވުމަށްފަހު ނޭވާލާން ދަތިފުޅުވެ މާވަށު ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނިކޮށެވެ. ލޯ އަނދިރިވެ ކަންފަތަށް އިވިވަޑަިގތުމުން މަހޫރުވެވެޑައިގެންފައި ވިޔަސް ކަލޭފާނު އަވަހާރަވިއިރު ވެސް ބުއްދިފުޅަށް އެއްވެސް ބަދަލެއް ނާދެ އެވެ. ބަރާބަރަށް ވާހަކަފުޅު ދައްކަވާ ކަފާ ދަރިންނާއި މުނިކާފަ ދަރިންނާ ސަމާކުރައްވާ އާއިލާގެ ބޭފުޅުންގެ ހާލު ބައްލަވައެވެ. "ފަހަކާ ޖެހޭދެންވެސް ވަރަށް ހަރަކާތްރިކޮށް އުޅުއްވި، މަދުމަދުން ކޭންބެއްލެވި ނަމަވެސް ފައިދާ ހުރި ރަނގަޅު ކާނާ ކޭން ބެއްލެވި ހާއްސަކޮށް ފަތްޕިލާވެލު ކޭންބެއްލެވި،" އުމުރުން 60 މައްޗަށް ގޮސްފައިވާ ދަރިކަލުން އަލީ ޝަރީފު ވިދާޅުވި އެވެ. ކަލޭފާނު އަވާހަރަވި އިރު 41 ކާފަދަރިން އެބަ ތިއްބެވި އެވެ. އެއީ 23 އަހެން ބޭފުޅުންނާއި 18 ފިރިހެން ބޭފުޅުންނެވެ. މުނިކާފަ ވިދާޅުވާ 43 ބޭފުޅުން އެބަތިއްބެވި އެވެ. ހުސައިން ކަލޭފަށް އުފަން 12 ކުދިން ލިބިވަޑައިގެވެ. މިވަގުތު ދުނިޔޭގައި ތިއްބެވީ އޭގެ ތެރެއިން ހަތް ކުދިންނެވެ. އެއީ ހަތަރު ފިރިހެން ބޭފުޅުންނާއި ތިން އަންހެން ބޭފުޅުންނެވެ. އޭނާގެ އެންމެ ފަހުގެ އަނބިކަނބަލުން އަވަހާރަވީ 1990 ވަނަ އަހަރު އެވެ. ދެބޭފުޅުންނާ ކައިވެނި ބައްލަވައިގަތެވެ. ލ. އަތޮޅު ތާރީހު ދިރާސާ ކުރައްވާ މުންޑޫ މުހައްމަދުފުޅު ވިދާޅުވި ގޮތުގައި ހުސައިން ކަލޭފާނަކީ ލ. އަތޮޅުގައި ތައުލީމު އާލާ ކުރެއްވުމަށް، ހާއްސަކޮށް މާވަށުގައި ތައުލީމް ފުޅާ ކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެ އިތުރުން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ގާތް އަރިސް ބޭފުޅެއް ކަމަށެވެ. ~ "މުހައްމަދު އަމީނާ އެހާ ގާތް، ފާމްދޭރި ކިލެގެފާނާ އެހާ ގާތް، ނާސިރާ އެހާ އަރިސް، މައުމޫނާ އެހާ އަރިސް." މުންޑޫ މުހައްމަަފު ފުޅު ވިދާޅުވި އެވެ. "ލ. އަތޮޅުގެ އާދަޔާ ހިލާފު ޝަހުސިއްޔަތެއް އެއީ. ތައުލީމާއި ރަނގަޅު ހަރުދަނާ ދަރިން އުފެއްދެވި ހިތްޕުޅު ހެޔޮ މަޑުމައިތިރި ބޭފުޅެއް. އުމުރުފުޅުން ދުވަސްވެ މީހުންގެ ލޯތަކަށް ކަލޭފާނު ގެއްލި ގިނަ ދުވަސްވުމަށް ފަހު އަވަހާރަވިޔަސް ކަލޭފާނަކީ އާދައިގެ ބޭފުޅެއް ނޫން،" ކަލޭފާނަކީ ސަރުކާރަށް 20 އަހަރު ދުވަހު ހިދުމަތް ކުރައްވާ ޕެންޝަން ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ އަދާ ކުރެއްވެވި ވަޒީފާތަކުގެ ތެރޭގައި މާވަށުގެ ނައިބު ކަމާއި ކަތީބު ކަމާއި މުދިން ކަން ފަދަ ވަޒީފާތައް ހިމެނެ އެވެ. ކަލޭފާނު ވަރަށް މޮޅަށް ދިވެހި ބޭސް ކުރެއްވެވި އެވެ. އަދި އޮޑި ދޯނު ފަހަރު ދުއްވާ ހެއްދެވި އެވެ. އަތޮޅުތަކުގެ ވަރަށް ހާއްސަ ބޭފުޅުންގެ ގޮތުގައި ބައެއް ބޭފުޅުންނަށް ކަލޭފާނުކަން ދެއްވި އިރު ހުސައިން ކަލޭފާނަށް، ކަލޭފާނުކަން ދެއްވެވީ މުހައްމަދު އަމީނެވެ. އަމީން މާވަށަށް ވަޑައިގަތް ދުވަހު ކަލޭފާނު މުހައްމަދު އަމީންގެ މުލައްދަނޑީގައި ހިއްޕެވުމުން "ކަލޭފާނު ތިކުރެއްވި ކަމަކުން އަހަރެންގެ އަތަށް ބޭސް ކޮށްދެއްވަންޖެހޭނޭ" މުހައްމަދު އަމީން ވިދާޅުވި ކަމަށް ވެއެވެ.