23 Sep 2014, 20:04
މިނިވަންނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ގެއްލުނު މައްސަލައާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން އާންމުކޮށްފައިވާ ލިޔުމަކީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ނެރެފައިވާ ލިޔުމެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
ފުލުހުން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އިން ނެރެ އާއްމު ކޮށްފައިވާ ލިޔުމަކީ ފުލުހުންނަށް މި މައްސަލައިގެ ތަހުގީގުގައި އެހީތެރިވުމުގެ މަގުސަދުގައި އާއްމު ކުރި ލިޔުމެއް ކަމަށް ބުނި ނަމަވެސް އެ ލިޔުމަކީ ޒިންމާދާރުކަމެއް ނެތި، ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ނެރެފައިވާ ލިޔުމެއް ކަމަށެވެ.
ތަހުގީގު ރިޕޯޓެއް ކަމަށް ބުނެ ނެރެފައިވާ އެ ލިޔުމަކީ ސާބިތުހިފޭ ފަދަ މައުލޫމާތެއްގެ މައްޗަށް ބިނާކުރުމެއް ނެތި ސިޔާސީ ވަކި ވަކިބައެއްގެ އަގު ވައްޓާލުމަށް ހިންގި ދަށުދަރަޖައިގެ އަމަލެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ރިޟުވާން ހޯދުމަށް ފުލުހުންގެ ޚާއްސަ ޓީމެއް އެކުލަވާލައި ތަހުގީގު ކުރިއަށް ގެންދަނިކޮށް ރައްޔިތުންގެ ވިސްނުން ވަކިގޮތަކަށް ބައްޓަންކުރުމުގެ މަގުސަދުގައި އާއްމުކޮށްފައިވާ އެލިޔުމުގެ ސަބަބުން ފުލުހުން ކުރަމުންދާ ތަހުިގީގަށް ގިނަގުނަ ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އިން އާއްމު ކޮށްފައިވާ އެލިޔުމުގައި ވަކިބަޔަކު ރިޟްވާން ފޮރުވައިގެން ގެންގުޅޭކަން ރައްޔިތުންނަށް ވިސްނައިދިނުމަށް، އެކަން ކުރިކަމަށް ތުހުމަތުކޮށް އާއްމު ފަރުދުންގެ ފޮޓޯއާއި ވަނަވަރު އާއްމުކޮށްފައިވުމަކީ އެމީހުންގެ އިންސާނީ ހައްގުތައް ގެއްލި، އިންސާނީ ކަރާމާތަށް އުނިކަންލިބި، އެފަރާތްތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދި، އެ ފަރާތްތަކުގެ ސަލަމާތާއި ރައްކާތެރި ކަމަށް ނުރައްކާވާނެ ކަމެއްކަމުގައި ދެކޭ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ. އަދި ފަރާތްތަކުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސްއިން އަހްމަދު ރިޟްވާން އަބްދުﷲ އާއި ގުޅޭ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ އިރު، ތަހުގީގާ ގުޅޭ މައުލޫމާތުތައް ހޯދުމަށް އަހްމަދު ރިޟްވާން އަބްދުﷲގެ އާއިލާ މެދުވެރިކޮށްގެންނާއި އެހެނިހެން ފަރާތްތައް މެދުވެރިކޮށް ވަކި މަގުސަދެއް ހާސިލް ކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަން މި ސާވިސްއަށް ވަނީ ފާހަގަކުރެވިފަ އެވެ."
ރިޟުވާން ހޯދުމަށްޓަކައި ފުލުހުންގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"އެކަމަށްޓަކައި ޚާއްސަ ޓީމެއް އެކުލަވާލައި ހޯދަން ޖެހޭ ހޯދުންތައް މިދަނީ ހޯދަމުންނެވެ. ބަލައި ފާސްކުރަން ޖެހޭ ތަންތަން މިދަނީ ބަލައި ފާސްކުރަމުންނެވެ. ދިރާސާކުރަން ޖެހޭ ސީސީޓީވީ ފުޓޭޖާއި އެހެނިހެން ތަކެތި މިދަނީ ދިރާސާކުރަމުންނެވެ. މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އޭނާ ހޯދުމަށާއި ފުރިހަމަ ތަހިގީގެއް ކުރުމަށް ކުރަން ޖެހޭ މަސައްކަތް ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މިދަނީ ކުރަމުންނެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.
"މިދެންނެވިފަދަ އިސްކަމެއްދީގެން އަޙްމަދު ރިޟްވާން ޢަބްދުﷲގެ ތަހުގީގު ކުރަމުންދަނިކޮށް އެމައްސަލަ އާ ގުޅޭ ކަށަވަރުނުކުރެވޭ މަޢުލޫމާތުތައް ހާމަކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު މުޖުތަމަޢުއަށްކޮށް ބައެއްގެ މަސްލަޙަތު ގެއްލުމުގެ ފުރުޞަތު އޮތް އިރު މިފަދަ މަޢުލޫމާތުތަކަކީ ރައްޔިތުންނާ ހިއްސާކޮށްގެންވާނެ މައުލޫމާތުތަކެއް ކަމުގައި މިސަރވިސްއިން ނުދެކެމެވެ،"