މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތައް އަލުން ރަޖީސްޓްރީ ކުރުމަށް އެމިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

ނޫސް މަޖައްލާތައް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ، މި މަހުގެ 23 ން ފެށިގެން އަންނަ އޮކްޓޯބަރު 30ގެ ނިޔަލަށެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި، ނޫސްމަޖައްލާ ޝާއިއުކުރުމާ ބެހޭ ގަވާއިދުގެ 13 ވަނަ މާއްދާއާ ހަވާލާދީ، ރަޖިސްޓްރީ ކޮށްގެން ނެރެމުންދާ ނޫސް މަޖައްލާތަކުން ވޭތުވެ ދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ނެރެފައިވާ ނޫސްމަޖައްލާތަކުގެ ކޮޕީ އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީ އަށް ހުށަހެޅުމަށް އަންގާފައިވެ އެވެ.

"އޮންލައިން ނޫސްތަކާއި މަޖައްލާތަކުން ވެބްސައިޓްގެ އެޑްރެހާ އެކު އެކަން އެނގޭނެ ގޮތުގެ ލިޔުމެއް ހުށަހަޅުއްވަން ޖެހޭނެ ކަންވާނެ އެވެ." ހޯމް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

ނޫސް މަޖައްލާތައް ރީ ރަޖިސްޓްރީކުރަން ހުށަހަޅާ އިރު، މަސްއޫލުވެރިޔާ އާއި އެޑިޓަރުގެ ފުރިހަމަ މައުލޫމާތު ހުށަހަޅަން ޖެހޭނެ ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އަދި ޓީވީ ރޭޑިއޯ ބްރޯޑްކާސްޓް ނުވަތަ ޓެލެކާސްޓް ކުރާ ފަރާތެއް ނަމަ އެކަން ވެސް މިނިސްޓްރީ އަށް ހުށަހެޅުމަށް ހޯމް މިނިސްރީގެ އިއުލާނުގައިވެ އެވެ.

ހޯމް މިނިސްޓްރީން ބުނީ، އެ މިިނިސްޓްރީން ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި ރީ ރަޖިސްޓްރީކުރުމަށް ހުށަނާޅާ ނޫސްތަކާއި މަޖައްލާ އަދި އޮންލައިން ނޫސްތައް، ނޫސްމަޖައްލާ ޝާއިއުކުރުމާ ބެހޭ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އުވާލެވޭނެ ކަމަށެވެ.

ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީ ކުރަން ހޯމް މިނިސްޓްރީން އިއުލާނުކޮށްފައިވާ އިރު އެ މިނިސްޓްރީން މިއަދު ވަނީ، އަންނަ ބުރާސްފަތި ދުވަހު ބާއްވަން ހަމަޖެހިފައި އޮތް މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބު ވެސް މިއަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.