އަންނަ ބުރާސްފަތި ދުވަހު ބާއްވަން ހަމަޖެހިފައި އޮތް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިންތިޚާބު ފަސްކޮށްފި އެވެ.

ހޯމް މިނިސްޓްރީން ބުނީ، މީޑީއާ ކައުންސިލްގެ އިންތިޚާބާ ގުޅިގެން އެ މިނިސްޓްރީއަށް ވަރަށް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އެހެން ކަމުން އެ ޝަކުވާތައް ބެލުމަށްފަހު އިންތިޚާބު ދެން ބާއްވަން ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

"އެމްއެމްސީގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރެވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދައުރު ހަމަވެފައިވާތީ، މި ކައުންސިލަށް އަލުން މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުގައި، ވޯޓުލުމަށްޓަކައި ރަޖިސްޓްރީކުރުމަށް މި މިނިސްޓްރީއިން ހުޅުވާލުމާ ގުޅިގެން މި މިނިސްޓްރީއަށް ހުށަހެޅި ފޯމުތަކުގައި ވަރަށް ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިގެންނެވެ." މީޑިއާ ކައުންސިލްގެ އިންތިހާބު ފަސްކުރިކަން އަންގައި ހޯމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވެއެވެ.

އެމްއެމްސީގެ އިންތިޚާބު ފަސްކުރިކަން އަންގައި ހޯމް މިނިސްޓްރީން އިއުލާނެއް ނެރެފައި މިވަނީ، ނޫސް މަޖައްލާ ފަދަ ތަކެތީގެ ސައްހަ ދަފްތަރެއް އެކުލަވާ ނުލައި އެމްއެމްސީގެ އިންތިހާބު ނުބޭއްވުމަށް ބޮޑެތި ހުރިހާ މީޑިއާތަކެއްގެ ސޮޔާ އެކު ހޯމް މިނިސްޓްރީ އަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފައި ވަނިކޮށެވެ.

އެ ޕެޓިޝަންގައި ބުނެފައި ވަނީ ނުނެރޭ ނޫސް މަޖައްލާތައް ހިމަނައިގެން ހޯމް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ނޫސް މަޖައްލަތަކުގެ ލިސްޓުގެ ސައްހަ ކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އިންތިހާއަށް އޮތް ކަމަށެވެ. އަދި ގަވާއިދުގެ 29 ވަނަ މާއްދާގައި ބުނާ އިމުގެ ތެރެއިން ނޫސް މަޖައްލާ ފަދަ ތަކެތީގެ ދަފްތަރެއް އެކުލަވާލުމަށް ފަހު ނޫނީ ބާއްވާ އިންތިހާބަކީ ސައްހަ އިންތިހާބެއް ކަމަށް ނުފެންނާތީ ގަވާއިދުގެ ހަމައިގެ ތެރެއިން ނެރޭ ނޫސް މަޖައްލާތައް ހިމަނައިގެން މީޑިއާ ކައުންސިލްގެ އިންތިހާބު ބޭއްވުމަށް ވަނީ ގޮވާލާފަ އެވެ.