23 Sep 2014, 16:33
ވޮޝިންޓަން (ސެޕްޓެމްބަރ 23) : އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެމެރިކާ ގެންގުޅޭ ހަރުކަށި އުސޫލުތަކަށް ލުއިދޭ ނަމަ އައިއެސް ޖަމާއަތާ ހަނގުރާމަ ކުރުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތުތަކަށް އެއްބާރުލުން ދޭނެކަމަށް ބުނެ އީރާނުން ހުށަހެޅި ހުށަހެޅުމަކަށް އެމެރިކާ ދެކޮޅު ހަދައިފި އެވެ.
ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ އީރާނުގެ ނިއުކްލިޔާ މައްސަލައާއި އައިއެސް ޖަމާއަތުގެ މައްސަލައަކީ މުޅިން ތަފާތު ދެ މައްސަލަ ކަމަށާއި އީރާނުން ހުށަހެޅުން ގަބޫލު ނުކުރެވޭނެ ކަމުގަ އެވެ. އީރާނުގެ ނިއުކްލިޔާ މައްސަލައިގެ ހަގީގަތް ނޭނގި އެމަ އްސަލާގައި އެއްވެސް ދުލެއް ނުދޭވޭނެ ކަން ބަޔާން ކުރައްވަމުން ވައިޓް ހައުސްގެ ތަރްޖަމާން ވިދާޅުވީ އީރާނަށް އޮތީ އެގައުމުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާކަން ސާބިތުކޮށްދިނުން ކަމަށާއި އީރާނާއި ހުޅަނގުގެ ބާރުތަކާ ދެމެދު ދެކެވެމުންދާ ވާހަކަތަކުގެ މަގްސަދަކީ މިއީ ކަމަށާއި މިކަމާ އައިއެސްއާ ދެކޮޅު ހަނގުރާމައާ ގުޅުމެއްނެތް ކަމުގަ އެވެ.
އީރާން ފަދަ ސަރަހައްދީ ބާރެއްގެ އެއްބާރުލުން ނެތި އައިއެސްއާ ދެކޮޅަށް އެމެރިކާ ފަށާ އަސްކަރީ އޮޕަރޭޝަންތައް ކާމިޔާބު ވުމުގެ ފުރްސަތު ވަރަށް ކުޑަކަމަށް އަސްކަރީ ތަޖްރިބާކާރުން ބުނާ އިރު އެމެރިކާގެ މަސްއޫލުވެރިން ވަނީ އައިއެސްއާ ދެކޮޅަށް ރުކުރުވާލާ ކޯލިޝަންގައި އީރާން ބައިވެރި ކުރުމާބެހޭ ގޮތުން ފުށުއަރާ ގޮތަކަށް ވާހަކަ ދައްކަވާފަ އެވެ. އައިއެސްއާ ދެކޮޅަށް ރުކުރުވާލާ ކޯލިޝަންގައި އީރާން ބައިވެރި ނުކުރާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ތަކުރާރުކޮށް ވާހަކަ ދެއްކެވުމަށް ފަހު އެއާ ފުށުއަރާ ގޮތަށް އެކޯލިޝަންގައި އީރާނަށް ދައުރެއް އެބަ އޮތް ކަމަށް ވިދާޅުވެ ކެރީ ވަނީ ފަހުން ވާހަކަ ދައްކަވާފަ އެވެ. (އަލްޖަޒީރާ)