23 Sep 2014, 16:27
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަށް ތަކުރާރުކޮށް އިންޒާރު ދެމުން އަންނަ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މެންބަރު އީވާ އަށް އިންޒާރުދޭ މައްސަލައެއް އީވާ އެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ރޭ އީވާ އަށް އިންޒާރު ދިން މައްސަލަ ވެސް ބަލަމުންދާނީ ކުރިން އީވާ ހުށަހަޅާފައިވާ މައްސަލައިގެ ތެރެއިން ކަމަށް އޮފިޝަން ވިދާޅުވި އެވެ.
"އީވާ އަށް އިންޒާރުދޭ މައްސަލަ މީގެ ކުރިން ވެސް އީވާ ވަނީ އަޅުގަނޑުމެންނަށް ހުށަހަޅާފައި. ރޭ އިވާ އަށް އިންޒާރު ދިން މައްސަލަ ވެސް ބަލަމުންދާނީ އެ މައްސަލައިގެ ތެރެއިން،" އޮފިޝަލް ވިދާޅުވި އެވެ.
މެންބަރު އީވާ އަށް އެންމެ ފަހުން އިންޒާރުދީ މެސެޖެއް ފޮނުވާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އެގޮތުން ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ އިންޒާރުގެ މެސެޖު ލިބިވަޑައިގަތީ ރޭގެ ޖަލްސާގައި އިންނަވަނިކޮށް ކަަމަށެވެ. އަދި އެ މެސެޖުގައި ޖާނުން ފިދާވެގެން ވެސް ހަމަލާ ދޭނެ ކަމުގެ އިންޒާރުދީފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.
"ދެން ބާއްވާ ޖަލްސާ އަށް ޖާނުން ފިދާވުމުގެ ހަމަލާ އެއް އަހަރެމެން ދޭނަން. މަރާ ހުސްކުރާނަން، ފަހު ލޭ ތިއްކާ ޖެހެންދެން ޖިހާދު ކުރާނަން" އީވާއަށް ފޮނުވި އިންޒާރުގެ މެސެޖުގައި ބުނެފައިވެ އެވެ.
ކާކުކަން ނޭނގޭ ނަންބަރަކުން އީވާ އަށް ރޭ އިންޒާރުގެ މެސެޖު ލިބިފައިވާ އިރު މީގެ ކުރިން ވެސް ވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ޕީޕީއެމްގެ ބައެއް މެންބަރުންނަށް އިންޒާރުގެ މެސެޖުތައް ފޮނުވާފަ އެވެ. އަދި އެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުނެވެ.