23 Sep 2014, 16:25
ނޫސް މަޖައްލާ ފަދަ ތަކެތީގެ ސައްހަ ދަފްތަރެއް އެކުލަވާ ނުލައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިހާބު ނުބޭއްވުމަށް ބޮޑެތި ހުރިހާ މީޑިއާތަކެއްގެ ސޮޔާ އެކު ހޯމް މިނިސްޓްރީ އަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މައްސަލަތައް ހައްލުނުކޮށް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިހާބަކީ ސައްހަ އިންތިހާބަކަށް ނުވާނެ ކަމަށް ބުނެ ހޯމް މިނިސްޓަރަށް މިއަދު ހުށަހަޅާފައިވާ ޕެޓިޝަންގައި ސޮއި ކޮށްފައިވާ 10 ފަރާތަކީ ވީޓީވީގެ ފަރާތުން މުހައްމަދު އާސިފް އާއި ސަން މީޑިއާ ގުރޫޕްގެ ފަރާތުން އަހުމަދު ޒާހިރު (ހިރިގާ) އާއި ހަވީރު މީޑިއާ ގްރޫޕްގެ ފަރާތުން ވާއިލް ޒާހިރު ހުސެއިނާއި ދިޓީވީގެ ފަރާތުން މިދުހަތު އާދަމާއި ދިއެފްއެމްގެ ފަރާތުން މަސްއޫދު ހިލްމީ އާއި ސީއެންއެމްގެ ފަރާތުން އިސްމާއިލް ރަޝީދެވެ. އަދި ޗެނަލްވަންގެ ފަރާތުން އަލީ ވަހީދާއި މިނިވަން ނޫހުގެ ފަރާތުން ޒަހީނާ ރަޝީދު ސޮއިކޮށްފައިވާ އިރު، ރާއްޖެ ޓީވީގެ ފަރާތުން އިބްރާހިމް ވަހީދާއި ވަގުތު ޑޮޓްކޮމްގެ ފަރަތުން މުޝައްރަފް ހަސަން ދީދީ ވަނީ އެ ޕެޓިޝަންގައި ސޮއިކޮށްފަ އެވެ.
ހޯމް މިނިސްޓަރަށް ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތަކުން ބުނީ ޓީވީއެމްގެ ސޮއި ޕެޓިޝަނުގައި ނެތީ އެތަނުގެ ސީއީއޯ މިވަގުތު ރާއްޖޭގައި ނޫޅުއްވާތީ ޕެޓިޝަނުގައި ސޮއިކުރާނެ ފަރާތެއް ހަމަނުޖެހިގެން ކަމަށެވެ. ނަމަވެސް އެބޭފުޅުންގެ ތާއީދު އެކަމަށް އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.
ސަން އަށް މައުލޫމާތު ދެމުން އޭނާ ބުނީ ޕެޓިޝަނުގައި ސޮއިކުރި ފަރާތްތަކުގެ ސޮޔާ އެކު ސިޓީ މިއަދު މިނިސްޓަރަށް ފެކްސް ކޮށްފައިވާ ކަމަށެވެ.
އަދި ސިޓީގައި ހިމަނާފައި ހުރި ކަންތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް އެ މިނިސްޓްރީގެ ސްޕޯކްސްޕާސަން އާ ހަވާލާދީ އޭނާ ބުންޏެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ބައެއް ނޫސް މަޖައްލާތަކަކީ ހުންނަ އެއްޗެއްކަން އެނގެނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިހާބާ ދިމާކޮށް ކަމަށެވެ.
ނަމަވެސް ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދުގެ 29 ވަނަ މާއްދާގައި ބުނެފައި ވަނީ ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާ ފަދަ ތަކެތި ގަވާއިދުން ތިން ފަހަރު ނުނެރި ހިނގައްޖެ ނަމަ އުވާލެވޭނެ ކަމަށެވެ. އެ މާއްދާގައި އެހެން އޮތް ނަމަވެސް ބައެއް ނޫސް މަޖައްލާ ފަދަ ތަކެތި ގަވާއިދުން ތިން ފަހަރު ނުނެރެހުރި އިރު ގިނަ ނޫސް މަޖައްލާ ފަދަ ތަކެތި ނުނެރި އެތައް އަހަރެއް ވެފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އެފަދަ ނޫސް މަޖައްލަތަކަކީ ގަވާއިދުގެ 29 ވަނަ މާއްދާގެ ދަށުން އުވާލަން ޖެހޭ ތަކެތި ކަމަށް އެ ޕެޓިޝަންގައި ބުނެފައިވެ އެވެ.
"ނަމަވެސް އެ ތަކެތި އުވާނުލައި އިންތިހާބު ބޭއްވުމަކީ ދިރިތިބި މީހުންގެ މައްޗަށް މަރުވެފައި ތިބި މީހުން ބާރުފޯރުވުން ފަދަ ކަމެކެވެ." އެ ޕެޓިޝަންގައިވެ އެވެ.
އެ ޕެޓިޝަންގައި ބުނެފައި ވަނީ ނުނެރޭ ނޫސް މަޖައްލާތައް ހިމަނައިގެން ހޯމް މިނިސްޓްރީގެ ވެބުސައިޓްގައި ޝާއިއުކޮށްފައިވާ ނޫސް މަޖައްލަތަކުގެ ލިސްޓުގެ ސައްހަ ކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އިންތިހާއަށް އޮތް ކަމަށެވެ. އަދި ގަވާއިދުގެ 29 ވަނަ މާއްދާގައި ބުނާ އިމުގެ ތެރެއިން ނޫސް މަޖައްލާގެ ފަދަ ތަކެތީގެ ދަފްތަރެއް އެކުލަވާލުމަށް ފަހު ނޫނީ ބާއްވާ އިންތިހާބަކީ ސައްހަ އިންތިހާބެއް ކަމަށް ނުފެންނާތީ ގަވާއިދުގެ ހަމައިގެ ތެރެއިން ނެރޭ ނޫސް މަޖައްލާތައް ހިމަނައިގެން މީޑިއާ ކައުންސިލްގެ އިންތިހާބު ބޭއްވުމަށް ވަނީ ގޮވާލާފަ އެވެ.