ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައި ކޯޓަށް ރޭ ނެގި ފަސް ފަނޑިޔާރުންގެ ހުވާ ކުރުމުގެ ކަންތައްތައް ކުރިއަށް ނުގެންދިއުމަށް ސިވިލް ކޯޓުން މިރޭ އަމުރުކޮށްފި އެވެ.

ހައި ކޯޓަށް ފަނޑިޔާރުން ހޮވުމުގައި އިންޓަވިއު ކުރުމުގެ ކަންތައްތައް ގެންގޮސްފައި ވަނީ ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ އެ މައްސަލަ ސިވިލް ކޯޓަށް ވައްދާފައި ވަނީ ހައި ކޯޓަށް ކުރިމަތިލެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފެވެ.

އެ މައްސަލައިގައި މިރޭ 10:10 ގައި ވަގުތީ އަމުރު ނެރެދެއްވަމުން ސިވިލް ކޯޓުގެ ގާޒީ ހާތިފް ހިލްމީ ވިދާޅުވީ ބާރީ ގާޒީ އެ މައްސަލައިގައި ނެރެދެއްވުމަށް އެދިވަޑައިގެންނެވި ވަގުތީ އަމުރު ބިނާކޮށްފައިވާ ކަންތައްތަކަކީ މި މައްސަލައިގެ ޝަރީއަތުގެ ތެރޭގައި ބެލިގެންދާނެ ކަމަށެވެ. އަދި އެ ކަންކަމުގެ މައްޗަށް ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން ހައި ކޯޓަށް ނަގާފައިވާ ފަނޑިޔާރުން މަގާމަށް އައްޔަންކޮށް ހުވާ ކުރައްވައިފި ނަމަ ދައުވާ ކުރާ ފަރާތުގެ ހައްގަށް އުނިކަމެއް ލިބި އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

"ދެންފަހެ 19 ޖެނުއަރީ 2011 ވަނަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަނުން ދިވެހިރާއްޖޭގެ ދިވެހިރާއްޖޭގެ ހައި ކޯޓަށް ކަނޑައެޅި ފަސް ބޭފުޅުން އެ ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކޮށް ހުވައިކުރުން މި މައްސަލައިގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން މިވަގުތަށް ފަސް ކުރުމަށް އަންގައި އަމުރުކޮށްފިން،" ގާޒީ ހާތިފް ހިލްމީ ވިދާޅުވި އެވެ.

އެ މައްސަލައިގެ ދައުވާ ވެސް ހުށަހަޅުއްވާފައި ވަނީ މިރެ އެވެ. ބާރީ ގާޒީ އަމިއްލަފުޅަށް ކޯޓުގައި ދައުވާ އުފުއްލަވަމުން ވިދާޅުވީ ހައި ކޯޓަށް ފަނޑިޔާރުން ހޮވުމުގައި އިންޓަވިއު ކުރުމުގެ ކަންތައްތައް ޖޭއެސްސީން ގެންގޮސްފައި ވަނީ ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އެ ގޮތުން ފަނޑިޔާރުން ނެގުމުގައި އަންހެނަކާއި ފިރިހެނަކު ލިބޭ ޕޮއިންޓުން އެއްވަރުވެއްޖެ ނަމަ އަންހެން މީހާއަށް އިސްކަންދެވޭނެ ކަމަށް ޖޭއެސްސީން ކަނޑައަޅާފައިވާ އުސޫލުގައި ބުނެފައިވާ ކަމަށް ބާރީ ވިދާޅުވި އެވެ. އަދި ޖޭއެސްސީން އިންޓަވިއު ކުރުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައި ވަނީ ކުއްލި ގޮތަކަށް ވާހަކަ ދެއްކުމުގެ މުބާރާތެއް ފަދައިން ކަމަށެވެ. އެހެންކަމުން އިންޓަވިއު ކުރުމުގެ ކަންތައްތައް ޖޭއެސްސީން ކުރިއަށް ގެންގޮސްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އަލުން އެކަން ކުރުމަށް އަމުރުކޮށްދިނުމަށް ބާރީ އެދިވަޑައިގަތެވެ.

ޖޭއެސްސީގެ ގާނޫނީ ވަކީލު އަބަދުލްފައްތާހު އަބްދުލްޣަފޫރު ވިދާޅުވީ ބާރީގެ ދައުވާއަށް ޖޭއެސްސީން ކަނޑައެޅިގެން އިންކާރު ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ އަންހެނަކާއި ފިރިހެނަކު އެއްވަރުވެއްޖެއްޔާ އަންހެނަކަށް އިސްކަންދޭ އުސޫލެއް އޮތް ނަމަވެސް އެއީ ތަފާތު ކުރުން ނޫން ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް އަންހެނަކަށް އިސްކަން ދެވުނަސް އަދި އެމީހަކު ހައި ކޯޓަށް ނުހޮވޭނެ ކަމަށާއި ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހޮވޭނީ މެންބަރުންގެ ވޯޓު ލިބިގެން ކަމަށެވެ.
މީގެ އިތުރުން ވަކީލު ވިދާޅުވީ ހައި ކޯޓަށް ފަނޑިޔާރުން ހޮވުމުގައި އެއްވެސް މީހަކަށް އެއްވަރަށް ޕޮއިންޓު ލިބިފައިނުވާ ކަމަށެވެ. އަދި އެ މައްސަލަ ބާރީ ގާޒީ މީގެ ކުރިން އެއްވެސް އިރެއްގައި ނަންގަވާފައިނުވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ހައި ކޯޓަށް އައްޔަން ކުރުމަށް ޖޭއެސްސީން ރޭ ކަނޑައަޅާފައި ވަނީ ޑރ. އަޒްމަރިލްދާ ޒާހިރާއި ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ސަމީރާއި އެ ކޯޓުގެ ރަޖިސްޓްރާ އަބްދުއްރައޫފް އިބްރާހިމާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީ ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި އައްބާސް ޝަރީފެވެ.