އެމެރިކާ އާއި އެގައުމަށް ތަބާވާ އަރަބި ގައުމުތައް ގުޅިގެން މިއަދު ސޫރިޔާ އަށް ބޮން އެޅި އެޅުމުގައި ޖަބުހަތުއް ނުސްރާ (އަލްގައިދާ އިންދަ ލޭވެންޓް) އާ ގުޅިގެން އުޅޭ އެއްވެސް ދިވެއްސަކަށް ކަމެއް ނުވާ ކަމަށް ބިލާދުއްޝާމް މީޑިއާއިން ބުނެފި އެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް އެމެރިކާ އިން އުފެއްދި އިއްތިހާދުން ސޫރިއާ އަށް މިއަދު ބޮން އެޅި އިރު ޖަބުހަތުއް ނުސްރާގެ ބައެއް އަމާޒުތަކަށް ވެސް ބޮން އަޅާފައި ވާތީ އެޖަމާއަތުގައި އުޅޭ ދިވެއްސަކަށް ކަމެއް ވީތޯ އެހުމުން އެމީހުން ބުނީ އެންމެން ވެސް ސަލާމަތުން އެބަތިބި ކަމަށެވެ.

"ﷲގެ ހެޔޮ ރަޙުމަތް ފުޅުން ދިވެހިން ތިބީ ސަލާމަތުން" ޖަބުހަތުއް ނުސްރާއާ ގުޅިގެން ހަނގުރާމަކުރަނިކޮށް ކުރިން މަރުވި ދިވެހިންގެ މައުލޫމާތާއި ފޮޓޯ ވެސް އާއްމު ކުރި، ބިލާދުއް ޝާމްގެ ޓްވިޓާ އެކައުންޓުން މިއަދު ސަން އަށް ޖަވާބުދެމުން ބުންޏެވެ.

އައިއެސް އާއި ޖޭއެންގެ އަމާޒުތަކަށް މިއަދު ދިން ހަމަލާތަކުގައި 15 މީހުން މަރުވި ކަމަށް ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓސް އިން ބުންޏެވެ. ސޫރިޔާގެ ރައްގާ އަށް ބޮން އަޅަމުން ދިޔަ އެމެރިކާގެ ޑްރޯންއެއް ވައްޓާލާފައިވާ ކަމަށް އައިއެސް އިން ވަނީ ބުނެފަ އެވެ. އަދި އެޑްރޯންގެ ހަލާކުވެފައިވާ ބައިތައް ކަމަށް އެމީހުން ބުނާ އެއްޗެހިތަކެއްގެ ފޮޓޯ ވެސް ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.