ހުޅުމާލޭގައި އެޅުމަށް ހަމަޖައްސާފައިވާ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ދިވެހި ކުންފުނިތަކެއް ހިއްސާވާ ޖޮއިންޓް ވެންޗާއަކާ ހަވާލުކުރަން ހެލްތު މިނިސްޓްރީ އިން ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެެއިން ރަޝީދު މިއަދު ސަން އަށް ވިދާޅުވީ ހުޅުމާލޭގައި ގާއިމު ކުރުމަށް ހަމަޖައްސާފައިވާ ހޮސްޕިޓަލްގެ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކުރި ޓްރީޓޮޕް ކިޔާ ކުންފުންޏަކަށް އެ މަޝްރޫއު އެވޯޑް ކުރުމަށް މިނިސްޓްރީ އިން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އެ މަސައްކަތުގެ އެއްބަސްވުމުގައި އެ ފަރާތާ އެކު ސޮއިކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްރީޓޮޕް ކުންފުންޏަކީ ޗަމްޕާ ބްރަދާސް އާއި ދިވެހިންނާއި ބޭރުގެ ހިއްސާދާރުން ހިމެނޭ ކާސާ ހޯލްޑިންގްސްގެ އިތުރުން ކްރައުން ކޮމްޕެނީ އާއި ކުރެއްދޫ މޯލްޑިވްސްގެ ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ކުރިއަށް ދަނީ އެގްރީމަންޓް ފައިނަލް ކުރުމުގެ މަސައްކަތާއި ޑީޓެއިލް ޑިޒައިންގެ މަސައްކަތް. އެ ކުންފުންޏާ އެކު ސޮއިކުރުމުގެ މަސައްކަތް އަންނަ މަހު ކުރެވޭނެ. އެ މަސައްކަތް އެޗްޑީސީ އިން ގެންދަނީ ކުރަމުން،" ހުސެއިން ވިދާޅުވި އެވެ.

ހުޅުމާލޭގައި ގާއިމު ކުރުމަށް ހަމަޖައްސާފައިވާ ބައިނަލް އަގުވާމީ ފެންވަރުގެ އެ ހޮސްޕިޓަލް އެޅުމަށް ޝައުގުވެރިކަން ހުރި ފަރާތްތައް ހޯދުމަށް ހުޅުވާލި ފުރުސަތުގައި މެލޭޝިއާ ކުންފުންޏަކާއި ޖަރުމަންގެ ކުންފުންޏަކާއި އިންޑިއާގެ ދެ ކުންފުންޏެއްގެ އިތުރުން ރާއްޖޭގެ ވިޔަފާރި ކުންފުނިތަކެއްގެ މައްޗަށް އެކުލެވޭ ޖޮއިންޓް ވެންޗާއަކުން ހުށަހެޅި އެވެ.

ރާއްޖޭގެ ޓްރީޓޮޕް ކުންފުންޏަށް އެ ޕްރޮޖެކްޓް ލިބުނީ އިވެލިއުއޭޓް ކުރުމަށް ފަހު އެންމެ ރަނގަޅު ޕްރޮޕޯޝަލެއް ހުށަހަޅާފައިވާ ކުންފުންޏެއްގެ ގޮތުގައި ހިމެނިގެން ކަމަށް ހެލެމު މިނިސްޓްރީ އިން ބުންޏެވެ.