23 Sep 2014, 14:45
ތިމާވެއްޓަށް އަންނަ ބަދަލުތަކަށް އާންމުން ހޭލުންތެރިކުރުވުމަށް "'މޫދު މާކަނޑު ފެސްޓް 2014" ގެ ނަމުގައި ޚާއްސަ ހަރަކާތެއް ހިންގައިފިއެވެ.
އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) އާއި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީ އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާއިން އިންތިޒާމު ކޮށްގެން އެފަދަ ހަރަކާތެއް ހިންގާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރީގަ އެވެ.
އެ ޕްރޮގްރާމްގައި ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު މިޝެލް ޖ. ސިޒޯން އާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހީމްގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒަހާ ވަހީދުވެސް ބައިވެރިވެވަޑައިގަތެވެ.
އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ސިޒޯން ވިދާޅުވީ ރާއްޖެ ކަހަލަ ގައުމެއްގައި ތިމާވެއްޓާމެދު ހޭލުންތެރިވާން ޖެހޭ ކަމަށާއި ތިމާވެއްޓާ ބެހޭ ގޮތުން ބާއްވާ ޕްރޮގްރާމްތަކުގައި ދިވެހިން ބައިވެރިވާން ޖެހޭނެ ކަމަށެވެ.
"ހުރިހާ އެންމެންނަށްވެސް އެނގޭނެ ދިވެހި ރާއްޖެ ކަހަލަ ގައުމަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ރަނގަޅަށް ހޭލުންތެރިވާން ޖެހޭ ތަނެއްކަން. އެހެން ކަމުން ތިމާވެށި ސަލާމަތް ކުރުމަށް އެންމެންގެ ބައިވެރިވުން ވަރަށް މުހިއްމު،" ސިޒޯން ވިދާޅުވިއެވެ.
ސަފީރުގެ ވާހަކަފުޅަށް ބާރުދެއްވައި މުހައްމަދު އިބްރާހިމް ވިދާޅުވީ ރާއްޖެއަކީ ކަނޑާއި ފަޅު އަދި މުރަކަތަކުގެ ސަލާމަތަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ގައުމެއް ކަމަށާއި އެންމެހައި ރައްޔިތުންގެ ބައިވެރިވުމާ ނުލައި ކަނޑާއި ފަޅު އަދި މުރަކަތަށް ސަލާމަތް ކުރެވެން ނެތް ކަމަށެވެ.
"ދިވެހި ރާއްޖޭ ކަނޑު އަދި މުރަކަތަށް ސަލާމަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް. އެހެން ނަމަވެސް މިފަދަ ބޮޑު މަސައްކަތެއް ކުރެވެން އޮތީ ރާއްޖޭގެ ހުރިހާ އެންމެންގެ ބައިވެރި ވުމާއެކު،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
'މޫދު މާކަނޑު ފެސްޓް 2014' އަކީ ރީޖެނެރޭޓް (ރީފް ޖެނެރޭޓް އެންވަޔަރަމެންޓް އެންޑް އެކޮނޮމިކަލް ރެޒިލެންސީ ފޮ އެޓޯލް އެކޯ ސިސްޓަމް) ޕްރޮގްރާމްގެ އެއްބައެވެ. މި ޕްރޮގްރާމް ފަންޑު ކުރެވިފައިވަނީ ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮ އިންޓަނޭޝަލް ޑިވޮލޮޕްމެންޓް (ޔޫއެސްއޭއައިޑީ) އިންނެވެ.
އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރީޖެނެރޭޓްގެ ޕްރޮގްރާމް މެނޭޖަރު އަދި އައިޔޫސީއެންގެ ސީނިއާ އެޑުވައިޒަރު ޑރ. އަމީރު އަބްދުﷲ ވިދާޅުވީ ރާއްޖެ ކަހަލަ ޖަޒީރާ ރަށް ތަކަށް ސަލާމަތްކަން އޮތީ ރަނގަޅު ވެއްޓެއް ގާއިމު ކޮށްގެން ކަމަށާއި 'މޫދު މާކަނޑު ފެސްޓް 2014' އަކީ ރާއްޖެއިން މެރިން ސައިންޓިސްޓުންނާއި މެނޭޖަރުން އުފެއްދުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށެވެ.
"ޖަޒީރާ ރަށްތަކަކަށް ބެހިގެންވާ މި ދިވެހި ރާއްޖޭގެ ސަލާމަތް ކަމާ ދުޅަހެޔޮކަން އޮތީ ކަނޑާ ގުޅިފައި. އެހެން ކަމުން މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ގޮތަށް ދިވެހި މެރިން ސައިންޓިސްޓުންނާއި މެނޭޖަރުން އުފެއްދުމަށް އެޅޭ ފުރަތަމަ ފިޔަވަޅު،" އަމީރު އަބްދުﷲ ވިދާޅުވި އެވެ.
އެމެރިކާގެ ޑިވޮލޮޕްމެންޓް އޭޖެންސީ ޔޫއެސްއޭއައިޑީ އިން ގައުމުތަކަށް އެހީ ދެމުން އަންނަތާ މިހާރު 50 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ތިމާވެއްޓަށް އަންނަ ބަދަލު ތަކާ ބެހޭގޮތުން ފާއިތުވި 13 އަހަރުގެތެރޭ ރާއްޖޭގައި ބޭއްވިފައިވާ ޕްރޮގްރާމް ތަކަށް ޔޫއެސްއޭއައިޑީ އިން 12 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ.