ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު އައްޑޫ ސިޓީގެ މީދޫން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖންސީ ގޯނާކުރި މައްސަލައެއް މިމަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ޖެހިގެން އައި 17 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 18 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެ މައްސަލައާ ގުޅިގެން އުމުރުން 21 އަހަރުގެ މީހަކާއި 37 އަހަރުގެ މީހަކާއި 68 އަހަރުގެ މީހަކު ވަނީ މިމަހުގެ 18 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހުންނަކީ ވެސް މީދޫ އަށް ނިސްބަތްވާ ބައެއް ކަމަށެވެ.

އަދި އެމީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.