މއ. އައިޝާ، ހުސައިން ވަހީދު މަރާލި މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ ދެ ކުދިންނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އިތުރު ދެ މީހެއްގެ ހެކިބަސް ނަގައިފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން ދެ މީހެއްގެ ހެކިބަސް ނަގާފައިވާކަމަށާއި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ. ކުޑަކުދިންގެ މައްޗަށް ދައުވާ ލިބޭ މައްސަލައަކަށްވާތީ ޝަރީއަތުން ގޮތެއް ނިންމުމުގެ ކުރިން ހެކިބަސް ލިބުނުގޮތް ކޯޓުން ހާމައެއް ނުކުރެއެވެ.

އެ މައްސަލައާ ގުޅިގެން 13 މީހަކު ހެކީންގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާއިރު އޭގެތެއިން ފަސް މީހެއްގެ ހެކިބަސް މިހާތަނަށް ވަނީ ނަގާފަ އެވެ.
އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހުސައިން ވަހީދަށް ވަޅިން ހަމަލާދީ އޭނާ މަރާލިކަމުގެ ދައުވާ ދައުލަތުން އުފުލާފަވީ އުމުރުން 16 އަހަރުގެ ދެ ކުދީންގެ މައްޗަށެވެ.


އުމުރުން 16 އަހަރުގެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އެ ދެ ކުދިންނަށް ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު ދިނުމުން ހެކި ހުށަހަޅަން ބޭނުންނުވާ ކަމަށް ޝަރީއަތުގައި އެ ދެ ކުދިން ވެސް ވަނީ ބުނެފަ އެވެ.

އެ ދެ ކުދިންގެ ތެރެއިން އެއްކުއްޖެއްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައި ވަނީ އެ ދެ ކުދިންގެ ތެރެއިން އެއްކުއްޖަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:30 އެހައިކަން ހާއިރު، ހުސައިން ވަހީދު މއ. އައިޝާގޭ، ކައިރީގައި ހުއްޓައި، އިތުރު ބަޔަކާ އެކު އެތަނަށް ގޮސް ތިލައިގައި ހަ އިންޗި ހުންނަވަރުގެ ވަޅިއެއް އޭނާގެ މެޔަށް ހަރާލާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ފުރަތަމަ ކުއްޖާ ހުސައިން ވަހީދުގެ މެޔަށް ވަޅި ހެރުމަށްފަހު ދެވަނަ ކުއްޖާ އިން ސައިކަލްގެ ފަހަތަށް އެރުމުން އެ ކުއްޖާ ގޮވައިގެން ދެވަނަ ކުއްޖާ އެތަނުން ގޮސްފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.