މިހާރު ފެނަކަ ކޯޕަރޭޝަނުން ރާއްޖެ އަށް ގެނެސްފައިވާ 77 ޖަނަރޭޓަރު ރަށްރަށަށް ފޮނުވުމުން މިހާރު އެ ރަށްރަށުގައި ބޭނުން ކުރަމުންދާ ޖަނަރޭޓަރުތައް އޯވަހޯލް ކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

"ސައުވީސް ގަޑިއިރު ކަރަންޓު ޔަގީންކޮށް ދިނުމުގެ މަޝްރޫއު"ގެ ދަށުން މިހާރު ރާއްޖެ އަށް ގެނެސްފައިވާ 77 ޖަނަރޭޓަރާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު އެ ކުންފުނީގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ އަލަށް ގެނެސްފައިވާ 77 ޖަނަރޭޓަރު މާދަމާ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާނެ ކަމަށާއި އެ ޖަނަރޭޓަރުތައް ފޮނުވުމާ އެކު މިހާރު ބޭނުންކުރާ ޖަނަރޭޓަރުތައް އޯވަހޯލް ކުރަން ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން ކަރަންޓު ފޯރުކޮށްދޭ ހުރިހާ ރަށެއްގައި ވެސް ހުރީ ސިސްޓަމްތައް ގާއިމް ކުރެވިފައި. ނަމަވެސް ކުރިން އެ ސިސްޓަމްތައް އޯވަހޯލް ކުރަން ނިއްވާ ނުލެވޭތީ ކަރަންޓް ކެނޑެނީ. އެހެންވީމާ 77 ޖަނަރޭޓަރު ރަށްރަށަށް ފޮނުވުނީމާ މިހާރު ހުރި ސިސްޓަމްތައް ނިއްވާލާ އޯވަހޯލް ކުރާނެ ވަގުތު ލިބިގެންދާނެ،" ނިމާލް ވިދާޅުވި އެވެ.

ނިމާލް ވިދާޅުވީ ޖަނަރޭޓަރެއް އޯވަހޯލް ކުރަން އާންމުކޮށް ހަތަރެއް ނުވަތަ ފަސް ދުވަސް ނަގާނެ ކަމަށެވެ. އެހެންކަމުން މިހާރު ހުރި ޖަނަރޭޓަރުތައް ނިއްވާލައިފި ނަމަ މުޅި ރަށުން ކަރަންޓު ކެނޑި އެތައް އިރެއްވާނެ ކަމަށާއި ނަމަވެސް މިހާރު ހުރި ސިސްޓަމްތައް ފޮނުވުމުން ކުރީގެ ސިސްޓަމްތައް އޯވަހޯލްކޮށް އެތަކެތި "ބެކްއަޕް ސިސްޓަމް" އަކަށް ވެގެންދާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު އައު ޖަނަރޭޓަރުތައް ފޮނުވަން ނިންމާފައިވާ ރަށްރަށުގައި އެ ޖަނަރޭޓަރުތައް ލިބުމުން ދެން އިތުރަށް ބޭނުން ނުވާނެ ކުދި ޖަނަރޭޓަރުތައް ހުރި ކަމަށެވެ. އެހެންކަމުން އެ ޖަނަރޭޓަރުތައް ބޭނުންވާ ރަށްރަށަށް ފޮނުވާނެ ކަމަށާއި އެ މަޝްރޫގެ ސަބަބުން ކަރަންޓުގެ މައްސަލައަށް ފުރިހަމަ ހައްލެއް އަންނާނެ ކަމަށެވެ.