ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުންގެ މައްޗަށް ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް ސުމޯޓޯ މައްސަލައެއް ބަލަން ފެށުމަކީ މިނިވަން ކޮމިޝަނެއްގެ ގާނޫނީ ބާރުވެރިކަން ގެއްލިގެން ދިއުން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އެމްޑީޕީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި އިންސާނީ ހައްގުތައް ކުރިއަރުވާ ފަރާތެއްގެ ހައިސިއްޔަތުން އެ ކޮމިޝަނުގެ މައްޗަށް ބައިނަލް އަގުވާމީ ގޮތުން މަތިކޮށްފައިވާ ޒިންމާއެއް އަދާކުރުމުގެ ގޮތުން އދ.ގެ ހިޔުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާ ޔުނިވާސަލް ޕީރިއޮޑިކް ރިވިޔޫ (ޔޫޕީއާރް)ގައި އެޗްއާރްސީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ފާޑުކިޔާފައިވާ ކަމަށް ބުނެ އެ ކޮމިޝަނުގެ މެމްބަރުންގެ މައްޗަށް ސުމޯޓޯގެ ނަމުގައި ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް މައްސަލަ ބެލުމަށް ފަށާފައިވާ ކަަމަށެވެ. އަދި އެޗްއާރުސީއެމްގެ މެމްބަރުން އިއްޔެ އެ ކޯޓަށް ޙާޟިރުކުރި ކުރުމަކީ ގާނޫނޫ އަސާސީ އިން އުފައްދާފައިވާ މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ ގާނޫނީ ބާރުވެރިކަން ގެއްލިގެން ދިޔަ ކަމެއް ކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ދަށުން ޢަމަލުކުރުމުގެ ގޮތުން ގާނޫނުގައިވާ ގޮތުގެ މަތިން ކޮމިޝަނުގެ ރައީސް ނުވަތަ ކޮމިޝަނުގެ ނައިބު ރައީސް ނުވަތަ ކޮމިޝަނުގެ މެމްބަރަކު، ނުވަތަ މުވައްޒަފަކު ރަސްމީ ޙައިޞިއްޔަތުން، ހެޔޮނިޔަތުގައި ކުރާ ކަމަކާ މެދު އެއްވެސް މަދަނީ ނުވަތަ ޖިނާޢީ ދައުވާއެއް ނުއުފުލޭނޭ ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ދަށުން ޢަމަލުކުރުމުގެ ގޮތުން ގާނޫނުގައިވާ ގޮތުގެ މަތިން ނުވަތަ ޤާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި ކޮމިޝަނުގެ ރައީސް ނުވަތަ ކޮމިޝަނުގެ ނައިބު ރައީސް ނުވަތަ ކޮމިޝަނުގެ މެމްބަރަކު، ނުވަތަ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން، ހެޔޮނިޔަތުގައި ކުރާކަމަކާ މެދު، ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް ނުއުފުލޭނޭ ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާއިރުކަން ފާހަގަކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.