މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލިފައިވާ ރޭ އޭނާ އަށް ބަޔަކު ފާރަލަމުން ގޮސްފައިވާކަން ޔަގީންވާ ކަމަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ބޭރުގެ ފަރާތަކާ ހަވާލު ކޮށްގެން ހިންގާފައިވާ ކަމަށް ބުނާ ތަހްގީގީ ރިޕޯޓުން ބުނެފި އެވެ.

އިއްޔެ ނެރެފައިވާ އެރިޕޯޓްގައި ބުނާ ގޮތުން މާލޭގައި ހުންނަ ހުޅުމާލޭ ފެރީޓީމިނަލްގެ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި ރިޟްވާން ގެއްލުނު ރޭ މާލޭގެ ގޭންގަކަށް ނިސްބަތްވާ ދެ މީހަކު ރިޟްވާން އަށް ފާރަލަމުން ދިޔަކަމުގެ ހެކި ފެންނަ ކަމަށެވެ. އަދި އޭގެތެރެ އިން އެކަކު ރިޟްވާން ފެރީޓާމިނަލް އަށް އަންނާނެ އިރަކަށް އިންތިޒާރުގައި ފެރީ ޓާމިނަލްގައި ހުރި ކަމަށް ވެސް އެރިޕޯޓްގައި ބުނެފައިވެ އެވެ.

އެރިޕޯޓް ބުނާ ގޮތުން ރިޟްވާން އަށް ފާރަލަމުން ދިޔަ ގޭންގް މެންބަރުންނަކީ ދެ ރަހުމަތްތެރިންނެވެ. ނަމަވެސް ފެރީޓާމިނަލްގައި އެ ދެ މީހުން ހަރަކާތްތެރިވި އިރު "ގަސްތުގައި އެކަކު އަނެކަކު ނުދަންނަ ކަމަށް ހެދިގެން އުޅުނުކަން ފާހަގަކުރެވުނު" ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

ރިޟްވާން ފެރީޓާމިނަލް އަށް އައުމާ އެކު ތުހުމަތުކުރެވޭ ގޭންގް މެމްބަރުން ފޯނުން މެސެޖްތަކެއް ފޮނުވި ކަމަށާއި "ތުހުމަތުކުރެވޭ ފަރާތްތަކުގެ އަމަލުތައް ބަހައްޓާފައި ހުރި ގޮތުން އެމީހުންގެ މަސައްކަތަކީ ރިޟްވާން ފެރީޓާމިނަލް އަށް އައިކަމާއި ފެރީ އަށް އެރިކަމުގެ މައުލޫމާތު އެހެން ފަރާތަކަށް ފޯރުކޮށްދިނުން ކަމުގައި ވަރަށް ބޮޑަށް ބެލެވޭ" ކަމަށް އެރިޕޯޓްގައި ބުނެފައިވެ އެވެ.

އެރިޕޯޓްގައި ބުނެފައިވާ ގޮތުން ރިޟްވާން މައްސަލާގައި ފުލުހުން ހިފަހައްޓާފައިވާ ހަތަރު މީހެއްގެ ޕާސްޕޯޓްގެ ތެރެއިން ޓާމިނަލް އިން ރިޟްވާން އަށް ފާރަލީ އެކަކު ހިމެނެ އެވެ.

އެރިޕޯޓް ބުނާ ގޮތުން އެރޭ ރިޟްވާން ހުޅުމާލެ އަށް ދިއުމަށް 1:00ގެ ފެރީއަށް އެރިކަމަށާއި އޭނާ އަށް ހުޅުމާލެ އަށް ދެވޭނެ ކަމަށް ބެލެވެނީ އެރޭ 1:30ގައި ކަމަށެވެ. އަދި އެރިޕޯޓަށް މައުލޫމާތު ދިން ހެކިންގެ ބަހަށް ބަލާ އިރު އޭނާ ހުޅުމާލެއިން ގެއަށް ދިއުމަށް ބަހަށް އަރާފައިނުވާ ކަމަށާއި އޭނާ ދިޔައީ ހިނގާފައިވާ ކަމަށް ބެލެވޭ ކަމަށް އެރިޕޯޓްގައި ބުނެފައިވެ އެވެ.

ރިޟްވާން ގެއަށް ދެވޭނެ ކަމަށް ބެލެވެނީ 2:00 ޖަހާކަންހާ އިރު ކަމަށާއި އެވަގުތު އެގޭ ކައިރިން ގަދަކަމުން މީހަކު ކާރަކަށް ލައިގެން ގެންދިޔަ ކަމަށް ބައެއް މީހުން ބުނާ އިރު ކާރަށް ގަދަކަމުން އެރުވި ކަމަށްބެލެވެނީ "މަސްތުގެ ހާލުގައި ހުރި އަންހެނެއް" ކަމަށް އެރިޕޯޓް ބުނެ އެވެ.