މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލިފައިވާ މައްސަލައާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިއްޔެ އާންމު ކުރި ރިޕޯޓުގައި ބައެއް ފަރާތްތަކުގެ ނަމާއި ފޮޓޯ އާންމުކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެމްޑީއެން އިން ބޭރުގެ ތަހުގީގު ކުރާ ފަރާތަކާ ހަވާލުކޮށްގެން ހިންގާފައިވާ ކަމަށް ބުނާ އެ ރިޕޯޓުގައި ރިޟްވާން ގެއްލުނު ހާދިސާއާ ގުޅުން ހުރި ކަމަށް ބުނެ ބައެއް ފަރާތްތަކުގެ ނަމާއި ފޮޓޯ އާންމުކުރި މައްސަލައާ ގުޅިގެން ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށް ފުލުހުންގެ މިޑިއާ އޮފިޝަލު ވިދާޅުވި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެއް ފަރާތަކުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ އިރު، ބައެއް ފަރާތްތަކުން އެ ރިޕޯޓާ ގުޅިގެން ޝަކުވާ އުފުލާފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުންގެންދާނެ ކަމަށެވެ.

އެމްޑީއެން އިން އިއްޔެ އާންމުކުރި ރިޕޯޓުގައި ރިޟްވާން ހޯދުމަށް ފުލުހުން މިހާރު ހިންގަމުންދާ ތަހްގީގުގައި އިތުރަށް ތަހްގީގު ކުރެވެން ޖެހޭ ކަމަށް ފާހަގަ ކުރެވޭ ކަންތައްކެއް ވެސް ވަނީ ހިމަނާފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ރިޟުވާނު އަމިއްލަ އަށް މަރުވެފައިވާ ކަމަށް އޭނާ އާ އެކު އެންމެ ފަހުން މަސައްކަތް ކުރި އެއްވެސް މީހަކު ގަބޫލު ނުކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި އެހެންމެ އަމިއްލަ އަށް ފިލައިގެން އުޅެދާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ހަމަ އެހެންމެ ރިޟްވާނަށް ބައެއް މީހުން ފާރަލާފައިވާކަން ތަހްގީގަށް އެނގޭ ކަމަށް ބުނެ ބައެއް މީހުންގެ ފޮޓޯ އާއި ނަން ވެސް ވަނީ ހާމަ ކޮށްފަ އެވެ.

އެ ތަހްގީގުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ނުވި ނަމަވެސް ރިޟުވާން ގެއްލުމާއި ސިޔާސީ ބައެއް ފަރާތްތަކާ ގުޅުން ހުރެދާނެ ކަމަށް ބުނެ ބައެއް ވާހަކަތައް ވެސް ހިމަނާފައިވެ އެވެ.