23 Sep 2014, 11:43
އިސްލާމް ދީނާ ހިލާފު ކޮންޓެންޓްތައް ގެނެސްދެމުން ގެންދިޔަ ހަ ވެބްސައިޓެއް ކޮމިއުނިކޭޝަން އެތޯރިޓީން ބަންދުކޮށްފި އެވެ.
އެ އެތޯރިޓީގެ ޗީފް އެޖްޒެކެޓިވް އިލިޔާސް އަހުމަދު މިއަދު ސަން އަށް ވިދާޅުވީ އެ ވެބްސައިޓްތައް ބަންދުކޮށްފައި ވަނީ މީގެ ގާތްގަނޑަކަށް ދެ ހަފްތާ ކުރިން ކަމަށާއި އެ ހުރިހާ ވެބްސައިޓްތަކަކީ ވެސް ދިވެހިންނަށް އަމާޒުކޮށްގެން ރާއްޖެ އިން ބޭރުގައި ހޮސްޓްކުރަމުން އަންނަ ވެބްސައިޓްތަކެއް ކަމަށެވެ.
އެ ވެބްސައިޓްތަކުގެ ތެރޭގައި އޮންލައިންކޮށް ރޭޑިއޯ ސްޓްރީމް ކުރަމުން ގެންދިޔަ ދެ ވެބްސައިޓެއް ހިމެނޭ ކަމަށާއި އެ ވެބްސައިޓްތައް ބަންދުކުރީ އިސްލާމްދީނުގެ މިންގަނޑުތަކަށް ނުފެތޭ ދީނާއި ހިލާފް ވާހަކަތައް ދައްކާތީ އާއި ކްރިސްޓިއަން ދީނީ ލަވަ އާއި އެ ދީނާ ބެހޭ މައުލޫމާތުތައް ދިވެހިންނަށް އަމާޒުކޮށްގެން ގެނެސްދޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާއްމު ފަރާތަކުން ނުވަތަ ކަމާ ބެހޭ ފަރާތަކުން އެނގުމުން އެފަދަ ވެބްސައިޓްތައް މި ބަންދުކުރަނީ، މި އޮތޯރިޓީ އަށް އެފަދަ ކަމެއް ނޯޓިސްުކުރެވިގެން ވެސް އެފަދަ ވެބްސައިޓްތައް ބަންދުކުރަން،" އިލިޔާސް ވިދާޅުވި އެވެ.
އިސްލާމްދީނާ ހިލާފު ކޮންޓެންޓްތަކެއް ގެނެސްދީގެން ހަ ވެބްސައިޓެއް ބަންދުކޮށްފައިވާ އިރު ފޭސްބުކްގެ އިތުރުން ބައެއް ސޯޝަލް އެހެން މީޑިއާތަކުގައި ކީރިތި ގުރުއާނަށާއި ގުރުއާނުގެ އާޔަތްތަކަށް އަދި ކީރިތި ރަސޫލާ އަށް ހަޖޫޖަހައި ހަދާފައިވާ މައްސަލަތަކެއް ފުލުހުން ގެންދަނީ ބަލަމުންނެވެ.
އިލިޔާސް ވިދާޅުވީ ފޭސްބުކް ފަދަ އެއްޗެހީގައި ހުންނަ އެފަދަ ކޮންޓެންޓްތައް ހުންނަ ޕޭޖްތައް ބަންދުކުރަންޏާ ޖެހޭނީ ފޭސްބުކް އެއްކޮށް ބަންދުކުރަން ކަމަށެވެ. ނަމަވެސް އެފަދަ ލިޔުންތައް ހުންނަ ފޭސްބުކް ފޭޖްތައް ބްލޮކްކުރުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.