23 Sep 2014, 11:40
އެމެރިކާ އާއި އަރަބި ފަސް ގައުމެއް ގުޅިގެން ސޫރިޔާގެ އިސްލާމިކް ސްޓޭޓް (އައިއެސް) މިލިޓެންޓުންނަށް ރޭގައި ވައިގެ ހަމަލާތަކެއް ދީފި އެވެ.
ފައިޓާ ޖެޓްތަކާއި ބޮންތަކަކާ އަދި 'ޓޮމަހޯކް މިސައިލް' ބޭނުން ކޮށްގެން ފަށާފައިވާ ހަމަލާތަކަކީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ މީގެ ދެ ހަފްތާ ކުރިން ވިދާޅުވެފައިވާ ގޮތަށް އައިއެސް ސްޓޭޓްތައް ހަލާކޮށްލުމަށް ދިން ހަމަލާތަކެއް ކަމަށް ބީބީސީ އިން ބުންޏެވެ. އަދި އެމެރިކާ އިން މި ވޭތުވެ ދިޔަ އޯގަސްޓު މަހުގެ ތެރޭގައި ވެސް 198 ހަމަލާއެއް އައިއެސްއާ ދެކޮޅަށް ފޮނުވާލާފައިވާ ކަމަށް ވެސް ބީބީސީ އިން ބުންޏެވެ.
މީގެ ދެ ހަފްތާކުރިން ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައި ވަނީ އެމެރިކާ އަށް ބިރު ދައްކައި އެއްވެސް ބަޔަކަށް ސަލާމަތް ވުމަށް ފިލޭނެ ތަނެއް ނޯންނާނެ ކަމަށެވެ. އަދި އެމެެރިކާގެ ސަލާމަތަށް ޓަކައި އެޅެން އޮތް ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވާނެ ކަމަށް އޮބާމާ ވިދާޅުވި އެވެ. އަދި ރޭ ދިން ހަމަލާއަކީީ އެކަމުގެ ޖަވާބެއްގެ ގޮތުން ދިން ހަމަލާއެއް ކަމަށް ވެސް ބީބީސީ އިން ބުންޏެވެ.
އަރަބި ގައުމުތަކުން މިލިޓަރީ އަދި ސިޔާސީ އެހީ ފުރިހަމައަށް ހޯދުމަށް ފަހު އެމެރިކާ އިން ރޭ ވަނީ ސޫރިޔާގެ ވައިގެ ދިފާއީ ނިޒާމުތަށް ހަލާކޮށްލައިފަ އެވެ.
ނަމަވެސް ވައިގެ ދިފާއީ ނިޒާމުތަކަކީ ހަމައެކަނި އެމެރިކާ އިން ކާމިޔާބީ އަށް ވާސިލުވުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް ޕެންޓަގަން އިން ބުނެފައިވެ އެވެ. އަދި ހަމައެކަނި ވައިގެ ދިފާއީ ނިޒާމުތައް ހަލާކޮށްލުމަކީ ކާމިޔާބު ވެވޭނެ ކަމެއް ނޫން ކަމަށާއި ސޫރިޔާގެ މިނިވަން އާމީ ތަމްރީނުކުރުމަކީ ކާމިޔާބު ވުމަށް އޮތް ގޯލު ކަމަށް ވެސް ޕެންޓަގަން އިން ބުނެފައިވެ އެވެ.
އައިއެސްގެ ބާރުގަދަ، ރައްގާ އަށް ގިނަ ހަމަލާތަކެއް ރޭ ދީފައިވާ ކަމަށް ބައެއް ސޯޝަލް މީޑިއާތަކަކުން ބުނެފައިވެ އެވެ. މީގެ އިތުރުން ގަވަރުނަރުގެ ގެކޮޅާއި އެކުއިސްޓްރިއަން ކްލަބަކާއި ހޮސްޕިޓަލަކަށް ވެސް ހަމަލާދީ ކޮށްފައިވެ އެވެ.
އަރަބި ގައުމުތަކުގެ ބައިވެރިވުން މި ހަމަލާތަކުގައިވާ ކަމަށް ބީބީސީ އަށް އެނގިފައިވި ނަމަވެސް އެއީ ކޮން ގައުމުތަކެއް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
ސޫރިޔާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ގިނަ ބަޔަކު މަރުވުގެ ތުހުމަތު އެގައުމުގެ ރައީސް ބަޝަރު އަލް އައްސަދު ބޮލުގައި ވަނީ އެމެރިކާ އަދި އަރަބި ގައުމުތަކުގެ އިތުރުން އިނގިރޭސި ވިލާތުން ވެސް އަޅުވައިފަ އެވެ.
އައިއެސް އިން ސޫރިޔާ އަދި އިރާގުގެ ބޮޑު ބައެއް ހިފުމަށް ފަހު އަނިޔާވެރި އިސްލާމީ ޚިލާފަތައެއް އުފައްދާފައިވާ ކަމަށް ބީބީސީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެ އެވެ. އެ މީހުން ވަނީ ޖާނަލިސްޓުންނާއި އެއިޑް ވޯކަރުންނާއި އިރާގުގެ އާންމުން ވެސް މަރާފައި ކަމަށް އެމެރިކާގެ ސީއައިއޭ އިން ބުނެފަ އެވެ. ސީއައިއޭ އިން ބުނާ ގޮތުގައި އައިއެސްގެ 31،000 އަށް ވުރެ ގިނަ މީހުން މުޅި އިރާގު އަދި ސޫރިޔާގައި އުޅޭނެ ކަމަށެވެ.
ޕެންޓަގަންގައި ބޭއްވި ޕްރެސް ބްރީފިންއެއްގައި ރެއާ އެޑްމައިރަލް ޖޯން ކާބީ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ އެ ހަމަލާ ދިނުމުގެ ހުއްދަ ދީފައި ވަނީ ކޮމަންޑާ އިން ޗީފް އަދި ރައީސް ބަރަކް އޮބާމާ ކަމަށެވެ.