މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ)ގެ މިންވަރު ނުވަ ޕަސެންޓަށް ވުރެ މަތިން ނަގާ ނަމަ އާންމު ވިޔަފާރިތަކަށް ގެއްލުންވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޑިމޮކުރަޓިކް ޕާޓީ(އެމްޑީޕީ) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝިދު ވިދާޅުވީ "ދޭމީހާ ދިނަސް ކާމީހާ ކާންވާނީ ބަލައިގެން" ކަމަށާއި "އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާ އެކު ދަންނަވަން ޓެކްސްގެ މިންވަރު، ޖީއެސްޓީގެ މިންވަރު ނުވަ ޕަސެންޓަށް ވުރެ މައްޗަށް ނަގައިފި ނަމަ ދެން އަޅުގަނޑުމެންގެ އާންމު ވިޔަފާރިއަށް ގެއްލުންވާނެ" ކަމަށެވެ.

މިހާރު ޖީއެސްޓީ ނަގަނީ އާންމު މުދަލުން ހަ ޕަސެންޓެވެ. އަދި ޓޫރިޒަމް ޓެކްސް (ޓީޖީއެސްޓީ) އިން މިހާރު ނަގަނީ އަށް ޕަސެންޓެވެ.

ޖީއެސްޓީއަކީ މިސަރަހައްދުގެ ގައުމުތަކުގައި ނަގާ ޖީއެސްޓީ އަށް ވުރެ ކުޑަ ޖީއެސްޓީ އަކަށް ވާން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. ޖީއެސްޓީގެ އިތުރުން ވިޔަފާރި ފައިދާ އިން ނަގާ ޓެކްސް އަކީ ވެސް ބޮޑު އެއްޗަކަށް ވެގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ޓެކްސްގެ ނިޒާމް ފުރިހަމަ ނުކޮށް އޮންނާތީ ރާއްޖޭގެ އިގްތިސާދަށް ގެއްލުންވަމުންދާ ކަމަށާއި އެކަމުގެ ހައްލަކީ އާމްދަނީ އިން ޓެކްސް ނެގުން ކަމަށެވެ.

"އަޅުގަނޑުމެން ހުށައަޅަނީ ވަރަށް ކުޑަކުޑަ އެއްޗެއް، މަހެއްގެ މައްޗަށް 40000 ރުފިޔާ ލިބޭ މީހާ ތިން ލާރި ދޭށޭ، އޭގެ ބަދަލުގައި އާމްދަނީ އިން ނަގާ ޓެކްސް ނުނަގާ ކަމުން ދެން ލިބޭ އާމްދަނީއަކީ ވިޔަފާރީގެ ފައިދާގެ ގޮތުގައި ލިބޭ ޓެކްސް ކަމަށް ދެކިގެން އެޓެކްސް ނަގަމުން ގެންދިޔާމާ މެދު ފަންތީގެ ވަރަށް ގިނަ ރައްޔިތުންނަށް މީގެ ނާއިންސާފުކަން ހާމަވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އިގްތިސާދު ހަރުދަނާ ކުރުމަށް އެންމެ ރަނގަޅު ފިޔަވަޅަކީ އާމްދަނީ އިން ނަގާ ޓެކްސް ނަގާފައި އިމްޕޯޓް ޑިއުޓީ އެއްކޮށް ކަނޑާލުން ކަމަށެވެ.