އެހެން ގައުމެއްގެ ސިލްކް ރޫޓްގައި ރާއްޖެ އިން ބައިވެރިވާން ނުޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަލިމަސްކާނިވާ ސަރައްދުގައި އެމްޑީޕީ އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޗައިނާ އިން އިއުލާނު ކޮށްފައިވާ މެރިޓައިމް ސިލްކް ރޫޓްގައި ރާއްޖެ އިން ބައިވެރިވުމުގައި އެއްބާރުލުން ދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވިދާޅުވުމުން އެކަމަށް ފާޑުވިދާޅުވެ އެ މަނިކުފާނު ވިދާޅުވީ މިއީ ދިވެހިންގެ ގައުމު ކަމަށާއި މިތާގައި ތިބެން ޖެހޭނީ ދިވެހިން ކަމަށެވެ.

"މިތަނަށް އަބަދުވެސް އެކި ގައުމުތަކުގެ ވިޔަފާރިވެރިންނާއި ދަތުރުފަތުރުކުރާ މީހުން އާދެ. ވަކި ބައެއްގެ ރޫޓެއް މިތާގައި އޮންނާކަށް ނުޖެހޭ. މިއީ ދިވެހިންގެ ގައުމު. މިތާ ތިބޭނީ ދިވެހިން. ޒަމާންތަކެއް ވަންދެން މިތާ ތިބި ބައެއް މިއީ. އަދި އިންޑިޔާކަނޑުގައި ހިދުމަތްކުރަން ތިބި ބައެއް. ޗައިނާ ރައްޔިތުންނަށް ވެސް، އެމެރިކާ ރައްޔިތުންނަށް ވެސް އިންޑިޔާ ރައްޔިތުންނަށް ވެސް މިތާ ރަށްތަކަށްއާދެވޭނެ. މިތާ ރަށްތަކުގައި ބަނދަރުކުރެވޭނެ. އަޅުގަނޑުން ނުޖެހޭ ބައެއްގެ ރޫޓެއްގައި ބައިވެރިވާކަށް،" ނަޝީދު ވިދާޅުވި އެވެ.

އަލިމަސްކާނިވާ ސަރައްދުގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާ ތެރެއިން- ސަން ފޮޓޯ-ފަޔާޒް މޫސާ

އަދި ރާއްޖޭގެ އަމިއްލަ މިނިވަންކަން ހިފައްޓަން ޖެހޭނެ ކަމަށާއި އަދި އިންޑިޔާގެ އަމަން ދިވެހިން ބަލަހައްޓައި ދިނުމަކީ އޭރަކު ހުންނަ ރައީސެއްގެ ޒިންމާއެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ޗައިނާގެ މެރިޓައިމް ރޫޓްގައި ރާއްޖެ އިން ބައިވެރިވުމަށް ނިންމާފައިވާ ނިންމުން ބަދަލު ކުރެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

"ރައީސް އަބްދުﷲ ޔާމިނަށް މާމޮޅު ފިކުރުފުޅެއް ލިބިވަޑައިގެން ކަމަށް ހުންނަވާ ތިޔަ އުޅުއްވާ އުޅުއްވަން ދޫކޮށްލެއްވުމަށް އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާ އެކު އިލްތިމާސްކުރަން،" ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ނަޝީދު ވިދާޅުވެފައި ވަނީ ހާއްސަ އިގްތިސާދީ ޒޯންތައް ވެސް ރާއްޖެއާ ނުބައްދަލުކަން އިގްތިސާދީ ހާއްސަ ސަރައްދުތައް ދުނިޔޭގައި ގާއިމުކުރަން ފެށުނު އިރު ވެސް އެނގެން އޮތް ކަމަށެވެ.
އަލިމަސްކާނިވާ ސަރައްދުގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާ ތެރެއިން- ސަން ފޮޓޯ-ފަޔާޒް މޫސާ

"ހާއްސަ އިކޮނަމިކް ޒޯންތައް މި ދިވެހިރާއްޖެއާ ނުބައްދަލުކަން އެ ޒޯންތައް އައި ޒަމާނުގައި ވެސް އެނގޭ. އެއީ މާކުރީގެ އިގްތިސާދީ ވިސްނުމެއް،" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ބެޔަސް ނުބެއަސް 10000 ރުފިޔާ ދެއްވާނެ ކަމަށް ސަރުކާރުން ވައުދުވެފައިވީ ނަމަވެސް އޭގެ ބަދަލުގައި ދެމުން ދިޔަ ބައިވެސް މަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް އަދި އަންނާނެ ކަމަށް ނަޝީދު ތަކުރާރުކޮން ވަނީ ވިދާޅުވެފައި އެވެ.