23 Sep 2014, 10:02
ކާބުލް (ސެޕްޓެމްބަރ 23) : އަފްޣާނިސްތާނުގައި ބޭއްވި ރިޔާސި އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވި އަޝްރަފް ޣަނީ އާއި އަބްދުﷲ އަބްދުﷲ އާ ދެމެދު ޖެހުނު އިންތިޚާބީ މައްސަލަތައް ޙައްލުކުރުމަށް އެ ދެ ބޭފުޅުން ސޮއިކުރެއްވި އެއްބަސްވުމަކީ އަފްޣާނިސްތާނުގައި ފައިހަރުކޮށްލުމަށް ޓަކައި އެމެރިކާ ރޭވި ރޭވުމެއްގެ ދަށުން އެއްބަސްވި އެއްބަސްވުމެއް ކަމަށް ތާލިބާނުން ސިފަކޮށްފި އެވެ.
ތާލިބާނުން ނެރުނު ބަޔާނެއްގައި އެޖަމާއަތުގެ ތަރްޖަމާން ޛަބީހުﷲ މުޖާހިދު ބުނީ މިއެއްބަސްވުމުގެ ދަށުން އަޝްރަފް ޣަނީ އެކުލަވާލައްވާ ސަރުކާރު ވެގެންދާނީ އަފްޣާން ރައްޔިތުންނާ ގުޅުމެއް ނެތް އެމެރިކާގެ ގޮނޑިކޮށްކޮ ސަރުކާރެއް ކަމުގަ އެވެ. ޣަނީ އާއި އަބްދުﷲ މިދިޔަ އާދީއްތަ ދުވަހު ސޮއިކުރެއްވި މިއެއްބަސްވުމުގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިގެން އަފްޣާނިސްތާނުގެ އައު ރައީސަކަށް ވެވަޑައިގަންނަވާނީ އަޝްރަފް ޣަނީ ކަމަށް އަބްދުﷲ އިޢްތިރާފްވެ ވަޑައިގެންފައިވެ އެވެ. އަދި އިންތިޚާބުގައި ބަލިވި ކަމަށް ވެސް ފުރަތަމަ ފަހަރަށް އަބްދުﷲ އެއްބަސްވެ ވަޑައިގެންފައިވެ އެވެ.
މީގެ އިތުރުން ދެ ބޭފުޅުން ހަމަހަމަ ގޮތެއްގައި ވެރިކަމުގެ ބާރުތައް ހިއްސާ ކުރެއްވުމަށާއި ގުޅިފައިވާ ވަތަނީ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލުމަށް ވެސް އެ ދެ ބޭފުޅުން އެއްބަސްވެ ވަޑައިގެންފައިވެ އެވެ. މިއެއްބަސްވުމުގައި އެދެބޭފުޅުން ސޮއިކުރެއްވުމާ އެކު އެމެރިކާ ވަނީ މި އަހަރުގެ ފަހުކޮޅު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް ފަހު އެމެރިކާގެ ގިނަ އަދަދެއްގެ އަސްކަރީ މުސްތަޝާރުންނާއި މުދައްރިބުން އަފްޣާނިސްތާނުގައި ދާއިމީ ގޮތަކަށް ބޭތިއްބުމާ ބެހޭ ޚާއްސަ އެއްބަސްވުމުގައި ސޮއި ކުރުމަށް ޣަނީ އެކުލަވާލައްވާ އަފްޣާނިސްތާނުގެ އައު ސަރުކާރަށް ގޮވާލާފަ އެވެ.
އަފްޣާނިސްތާނުގެ މިހާރުގެ ރައީސް ހާމިދު ކަރުޒާއި ވަނީ އެމެރިކާގެ މިއެއްބަސްވުމުގެ ދެލިކޮޕީއަކީ އަފްޣާނިސްތާނުގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުން ހުރި އެއްބަސްވުމެއް ކަމަށް ސިފަކުރައްވައި އޭގައި ސޮއިކުރެއްވުމަށް ދެކޮޅު ހައްދަވާފަ އެވެ. (ރޮއިޓާސް)