މޫސަލް (ސެޕްޓެމްބަރ 23) : އައިއެސް ޖަމާއަތާ އެއްގަމު މަގުން ކުރިމަތިލާން އެމެރިކާ އަށް ނުކެރޭނެ ކަމަށް ބުނެ އެޖަމާއަތުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށް ގޮންޖަހައިފި އެވެ.

އިރާގާއި ސޫރިޔާގެ ބޮޑު ބައެއްގައި ހަނގުރާމަ ކުރަމުން ގެންދާ އައިއެސް ޖަމާއަތުން ނެރެ އިންޓަނެޓްގައި ޝާއިޢުކޮށްފައިވާ އޯޑިޔޯ ޓޭޕެއްގައި އެ ޖަމާއަތުގެ ތަރްޖަމާން މުޙައްމަދުލްއަދްނާނީ ބުނީ އައިއެސްއާ އެއްގަމު މަގުން ހަނގުރާމަ ކުރުމަށް އެމެރިކާގެ ލަޝްކަރުތައް ފޮނުވަން ރައީސް ބަރަކް އޮބާމާ އަށް ކެރިވަޑައިނުގަންނަވާ ކަމަށާއި އެއަށް ވުރެ އެމެރިކާ މާފިނޑި ކަމުގަ އެވެ. އެޓޭޕް އާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިޔާ ބުނާ ގޮތުން އެ ޓޭޕްގައި އަދްނާނީ ވަނީ އެއްގަމު މަގުން އައިއެސްއާ ހަނގުރާމަކުރުމަށް ފޮނުވާ އެމެރިކާގެ ލަޝްކަރުގެ އެންމެ މީހެއްގެ ވެސް ފުރާނަ ސަލާމަތްނުވާނެ ކަމުގެ އިންޒާރު އޮބާމާއަށް ދީފަ އެވެ. މީގެ އިތުރުން އެމެރިކާ ސިފައިން ބިމުގައި ގަންހިންގާނެ ކަމުގެ އިންޒާރު ވެސް އަދްނާނީ އޮބާމާ އަށް ދީފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

އޮބާމާ ވަނީ އައިއެސްއާ ދެކޮޅަށް އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ކުރާނީ ވައިގެ ހަނގުރާމައެއް ކަމަށް ވިދާޅުވެ އެއްގަމު މަގުން އެޖަމާއަތާ ކުރިމަތިލުމުގެ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަނެއްކޮޅުން އަދްނާނީ ވަނީ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންގެ ސަފުތައް ފޫއަޅުވާލައި އެސަފުތަކުގެ ތެރެއަށް ބޭރުގެ ޖާސޫސުން ވެދެފައިވާ ކަމަށް ވެސް ފުރަތަމަ ފަހަރަށް އެއްބަސްވެފަ އެވެ. އައިއެސް އިން ޝާއިޢުކުރި އޯޑިޔޯ ޓޭޕްގައި އަދްނާނީ ބުނީ ހަނގުރާމަވެރިންގެ ތެރޭގައި ބޭރުގެ ޖާސޫސުން ތިބިކަމަށް ބެލެވޭކަމަށާ މިފަދަ ޖާސޫސުންނަކީ އެޖަމާއަތުގެ ފިކުރަށް ޚިޔާނާތްތެރިވެފައިވާ މުރްދައްތު ބައެއްކަމުގަ އެވެ. އެހެންކަމުން އައިއެސްގެ ސަފުތަކުން ޖާސޫސުން ނައްތާލައި އެސަފުތައް ވަރަށް އަވަހަށް ސާފުކޮށްލާނެ ކަމަށް ވެސް މި އޯޑިޔޯ ޓޭޕްގައި އަދްނާނީ ބުނެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)