23 Sep 2014, 00:18
މާލޭގައި ވެސް އަދި އަތޮޅުތަކުގައި ވެސް ގޭހުގެ ބާވަތްތައް، ހާއްސަކޮށް ކައްކާ ގޭސް ޑެލިވަރީކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިހުތިރާމްކޮށް ހިތުމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެދިވަޑައިގެންފި އެވެ.
މޯލްޑިވް ގޭސްގެ ފަރާތުން އަލަށް ތައާރަފު ކުރި "ލުއިފުޅި" ގޭސް ސިލިންޑަރު ތައާރަފުކުރުމަށް މިރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މޯލްޑިވް ގޭސްގެ 120 ވަރަކަށް މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުން ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ލިބިގެންދަނީ ވަރަށް ލުއި ފަސޭހަކަމެއް ކަމަށާއި އެ މަސައްކަތަށް އިހުތިރާމް އަދާކުރަންޖެހޭ ކަމަށެވެ.
އާޒިމް ވިދާޅުވީ، ހޮސްޕިޓަލެއްގައި އޮތް މީހެއް ކަމަށް ވިޔަސް، ރާއްޖެއަށް އަންނަ ފަތުރުވެރިއަކަށް ކަމަށް ވިޔަސް، އެމީހުންނަށް ކާއެތިކޮޅު ރޯފިލުވައި ދިނުމަށްޓަކައި އެމީހުން މެންދުރު ވެސް ރަތް އަވީގައި އެ 12 ކިލޯގެ ގޭސްފުޅި ކޮނޑަށް ލައިގެން ކުރާ މަސައްކަތް އަޅުގަނޑުމެން އަންދާޒާ ކުރަން ޖެހޭ ކަމަށާއި އެކަމަށް އިހުތިރާމް އަދާކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު އެދެން އެހާ ބުރަ މަސައްކަތެއް އަޅުގަނޑުމެންގެ ކާއެތިކޮޅު ރޯފިލުވައިދީ ބަނޑު ފުރާލައި ދިނުމަށްޓަކައި އެ 120 މުއައްޒަފުން އަޅުގަނޑުމެންގެ އެތައް ބަޔަކަށް އެ ކޮއްދޭ މަސައްކަތް ބަލައިގަންނަން ޖެހޭ. އެބޭފުޅުންގެ ލޮރީތަކުގައި މާލޭގެ ކުދި މަގުތަކުގައި ދުއްވާ އިރު އެބޭފުޅުންނަށް އިހުތިރާމުކުރުމަކީ ކޮންމެ ދިވެއްސަކުވެސް ކުރަން ޖެހޭ ކަމެއް،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އެ ފަރާތްތަކުގެ ލޮރީ، މަގުތަކުގައި މަޑުކޮށްލުމުން އާންމުން ކުޑަ ވަގުތުކޮޅަކަށް ވިޔަސް މަޑުކޮށްލަން ބޭނުން ނުވާނަމަ ގޭގައި ކާއެއްޗެއް ހަދަމުންދާ ވަގުތު ގޭސް ހުސްވުމުން އަންނަ ޕްރެޝަރު އިހުސާސް ކޮށްލަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ކުޑަ އެއްޗެއް ގަނެލައިގެން ސިޑިން އަރާއިރު އެނގޭ އެ ބުރަކަން. އެބޭފުޅުން އެ އަރަނީ އަށެއް ނުވަތަ 10 ވަނަ ފަންގިފިލާއަށް 12 ކިލޯގެ ފުޅިއެއް ކޮނޑަށް ލައިގެން. އެއީ ހަމަ އަޅުގަނޑުމެންނަށްޓަކައި ކޮއްދޭ ކަމެއް. އެކަމަށް އިހުތިރާމް ކުރަން ޖެހޭ،" އާޒިމް ވިދާޅުވި އެވެ.