ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން ދެއްކި 'ދަށް' ކުޅުމާ ގުޅިގެން އެއްވެސް އުޒުރެއް ދެއްކެން ނެތް ކަމަށް އެ ޓީމުގެ މިޑްފީލްޑަރު ރަހީމް ސްޓާލިން ބުނެފި އެވެ.

ޕްރިމިއާ ލީގުގައި ލިވަޕޫލް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު އެޓީމު ބަލިވެފައިވީ ނަމަވެސް ސްޓާލިން އަންނަނީ އެޓީމުގައި ރަނގަޅު ކުޅުމެއް ދައްކަމުންވެ.

ލިވަޕޫލަށް ޕްރިމިއާ ލީގުގައި އެހާ ރަނގަޅު ކުޅުމެއް ނުދެއްކިގެން އުޅޭ ސަބަބީ ޗެމްޕިއަންސް ލީގުގައި ކުޅެން ޖެހުން ކަމަށް ވާހަކަ ދެކެވުމުނު ނަމަވެސް އެ ވަހަކައާ ދެބަސް ވަމުން ސްޓާލިން ބުނީ އެއީ ސަބަބެއް ނޫން ކަމަށެވެ.

"އަހަރެން ނުބުނާނަން ޗެމްޕިއަންސް ލީގަކީ ސަބަބެކޭ. އެކަމަކު މި ކުޅެން ޖެހެނީ އަހަރެމެން އާންމު ކޮށް ކުޅެން ޖެހޭވަރަށް ވުރެއް ގިނައިން އަދި އަވަހަށް. އެއީ އަހަރެމެން ބޭނުންވާ ގޮތަކީ. ބޭނުން ވަނީ ޗެމްޕިއަންސް ލީގު އަދި ޕްރިމިއާ ލީގުގައި އެކީ ވާދަ ކުރަން. މިހާރު އަހަރެމެންގެ ކަމެއް އެއީ މުބާރާތް ތަކުން ތަށި ހޯދުން،" ސްޓާލިން ބުންޏެވެ.

ސްޓާލިން ބުނީ މެޗުތައް ކުޅެން ޖެހޭލެއް އަވަސް ވުމާއި، ރިކަވަރީއަށް ލިބޭ ވަގުތު ކުޑަވުން އެއީ ކްލަބުތަކަށް ކުރިމަތިވާ އިމްތިހާނެއް ކަމަށާއި އެކަމަށް ކްލަބުތަކުން ހޭނެން ޖެހޭ ކަމަށެވެ.

"މިހާރު މެޗެއް ކުޅެފައި ރިކަވަރީއަށް ލިބޭ ދުވަސް މަދު. މެޗު ކުޅެން ޖެހޭލެއް ވަރަށް އަވަސް. އެއީ އަހަރެމެން ހޭނެން ޖެހޭނެ ކަމެއް. އަހަރެމެންނަކަށް ނެތް ދެ މުބާރާތަށް އަރަނީއޭ ކިޔާފައި ބަލިވުމުން އުޒުރު ދެއްކޭކަށް. މިއީ ޓީމަށް ކުރިމަތިވާ އިންތިހާނެއް،" ސްޓާލިން ބުންޏެވެ.

މިމަހު 27 ގައި އެވަޓަން އާ ދެކޮޅަށް ޕްރިމިއާ ލީގުގައި ލިވަޕޫލް ނުކުންނަ އިރު ލީގުގައި ދެން މޮޅެއް ނުލިބި އިތުރަށް އެންމެ މެޗަކުން ބަލިވިޔަސް ލީގުގައި ކުރިއަށް ދިއުމަށް އެ ކްލަބަށް ހުރަސްތަކެއް ކުރިމަތިވާނެ އެވެ.