އަލިފާނުގައި ކިތަންމެ އިރެއް ވަންދެން ހުއްޓަސް ހޫނުވުމުގެ ސަބަބުން ފުޅި ގޮވުން ފަދަ ކަންކަން ދިމާނުވާ ގޮތަށް ފަރުމާކޮށްފައިވާ "ލުއިފުޅި" ގޭސް ސިލިންޑަރު މޯލްޑިވް ގޭސް އިން މިރޭ ތައާރަފުކޮށްފި އެވެ.

ރާޅުގަނޑު ސަރަހައްދުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ގޭސްފުޅި ތައާރަފުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އާއި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން އެވެ.

މޯލްޑިވް ގޭސް އިން ރާއްޖެ އަށް އަލަށް ތައާރަފުކޮށްފައިވާ އެ ގޭސް ސިލިންޑަރަކީ އާންމުކޮށް ރާއްޖޭގައި ބޭނުންކުރާ ގޭސް ސިލިންޑަރުތަކާ އަޅާ ބަލާ އިރު ވަރަށް ބޮޑަށް ލުއި ގޭސްފުޅިތަކެކެވެ. އެގޮތުން އާންމުކޮށް ބޭނުންކުރާ ގޭސް ސިލިންޑަރުތަކުގައި 12 ކިލޯ ހުންނަ އިރު "ލުއިފުޅި" ގޭސް ސިލިންޑަރުގައި ހުންނަނީ އެންމެ ފަސް ކިލޯ އެވެ.

އެ ގޭސް ސިލިންޑަރު ފަރުމާކޮށްފައިވާ ގޮތަށް ބަލާ އިރު ސިލިންޑަރުގައި ޖުމްލަ ތިން ފަށަލައެއް ހުރެ އެވެ. އެ ތިން ފަށަލައިގެ ސަބަބުން ފުޅި ހޫނުވެ ނުވަތަ ޕްރެޝަރު ބޮޑުވެގެން ފަޅައިގެންދިއުން ނުވަތަ ގޮވުން ފަދަ ކަންކަމުން ސަލާމަތް ކޮށްދޭ އިރު ދަބަރު ޖެހުން ފަދަ ކަމެއް ފުޅީގެ ބޭރަކުން ނުފެންނާނެ އެވެ. އަދި އެހެން ގޭސް ސިލިންޑަރުތަކާ ހިލާފަށް ލުއިފުޅި ފަރުމާކޮށްފައި ވަނީ ގޭސް ހުންނަ މިންވަރު ދެނެގަނެވޭނެ ގޮތަށް ފުޅީގެ އެތެރެ ވެސް ފެންނާނެ ފަދަ ގޮތަކަށެވެ.

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު މިރޭ ވިދާޅުވީ އެ ސިލިންޑަރު ރާއްޖެ އަށް އެތެރެކޮށްފައި ވަނީ ރައީސް ޔާމީނާއި އެސްޓީއޯގެ ވެސް މަޝްވަރާތަކާ އެކު ކަމަށާއި ޒަމާނުގެ ޓެކޮނޮލޮޖީއާ ގުޅުން ހުރި އުފެއްދުންތައް ރާއްޖެ އަށް އެތެރެކުރުމަށް ރައީސް ޔާމީން ވެސް އެދިވަޑައިގެންނެވި ކަމަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާޒިމް ވިދާޅުވީ ފަހުގެ ޓެކްނޮޖީ ބޭނުންކޮށްގެން ކަންތައްތައް ފަސޭހަކުރުމަށް ހުރިހާ ދިވެހިން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ދުނިޔޭގެ އިތުބާރު ލިބިފައިވާ ނޯވޭގެ އެ އުފެއްދުން ވަނީ އެމްއެންޑީއެފްގެ ސީދާ ބެލުމުގެ ދަށުން 40 ލީޓަރުގެ ތެލުގައި އަންދައިގެން ފަޔާ އެންޑް ސޭފްޓީ ޓެސްޓެއް ހަދައިފަ އެވެ. އެ ސިލިންޑަރު ގަންނަން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މޯލްޑިވް ގޭސް އިން ހުޅުވާލާފައިވާ އިރު ފުޅީގެ އަގަކީ 1999 އެވެ. އަދި އަލުން ރީފިލް ކުރާ ކޮންމެ ފަހަރަކު ނަގަނީ 225 ރުފިޔާ އެވެ.