20 Jan 2011, 19:20
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މެމްބަރުންތަކެއް މަސައްކަތްކުރަމުންދާކަމަށް މީޑިއާ މެދުވެރިކޮށް އިވިވަޑައިގެންފައިވާ ކަމަށާއި އެ ފަރާތްތަކަށް އެކަން ކާމިޔާބުވިޔަ ނުދިނުމަށް ކޮންމެ މަސައްކަތެއް ވެސް ކުރައްވާނެ ކަމުގައި ޑީއާރްޕީގެ ލީޑާ އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ޗުއްޓީ އަށް ފަހު އަންނަ މާޗް މަހު މަޖިލިސް އަލުން ހުޅުވޭއިރު ޑީއާރްޕީ އާއި ޕީއޭއާއި އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންތަކެއް ގުޅިގެން ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ މީޑިއާގައި ފެތުރިފައިވާ ޚަބަރުތަކާ ގުޅޭ ގޮތުން ތަސްމީން މިއަދު ވިދާޅުވީ، ޝާހިދު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވުމަށް އޭނާގެ ފުރިހަމަ ސަޕޯޓް އެބަ އޮތް ކަމަށެވެ. އަދި މަޖިލިސްގެ ކަންކަން ނިންމަނީ ޕާލިމެންޓްރީ ގްރޫޕް ތެރޭގައި މަޝްވަރާކޮށް އަޣުލަބިއްޔަތު ލިބިގެން ކަމަށް ވާއިރު އެ ގްރޫޕްގެ ގިނަ މެމްބަރުން އެކަމަށް ތާއީދު ނުކުރައްވާނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"މިއަދު އެ ގެނައި ޚަބަރުގައި ވާހަކަ ދެކެވުނު ގޮތުން މިކަމުގައި ޑީއާރްޕީގެ ބައެއް މެމްބަރުންވެސް ބައިވެރިވާ ކަން ފާހަގަވެގެން ދިޔައިމަ އަޅުގަނޑު ދަންނަވަން ބޭނުންވަނީ އެއީ ޑީއާރްޕީން އެއްގޮތަކަށް ވެސް ތާއީދުކުރާ ކަމެއް ނޫނޭ، ޑީއާރްޕީގެ މެމްބަރުންވެސް އެކަމަކަށް ތާއީދު ނުރައްވާނޭ އަދި ޑީއާރްޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ތަނަވަސް އަޣުލަބިއްޔަތަކުން އެކަމަށް އިދިކޮޅު ހަދާނޭ،" ޑީއާރްޕީ އޮފީހުގައި މިއަދު ހަވީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަސްމީން ވިދާޅުވި އެވެ.
"މިހެން ކުރެވޭ މަސައްކަތްތައް ކާމިޔާބުވިޔަ ނުދިނުމަށް އަޅުގަނޑު ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ވެސް ކުރާނަން،" ތަސްމީން އިތުރަށް ވިދާޅުވި އެވެ.
ނަމަވެސް، ސަން އަށް އެނގިފައިވާ ގޮތުގައި ޑީއާރްޕީއާއި ޕީއޭގެ އިތުރުން އެމްޑީޕީ ގުޅިގެން ޝާހިދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ތައްޔާރުވަމުން އެބަދެ އެވެ.
"މަޖިލިސް ދައުރު ފެށޭއިރު އެއީ ހިނގާނެ ކަމެއް،" އެކަމުގައި ބައިވެރިވެވަޑައިގަންނަވާ މަޖިލީހުގެ މެމްބަރަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ތަސްމީނަށް ތާއީދު ނުކުރާ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ ޕާލިމެންޓްރީ ގްރޫޕް މެމްބަރު، ގެމަނަފުށި ދާއިރާގެ އިލްހާމް ވަނީ، މަޖިލީހުގެ ރައީސްގެ މައްޗަށް ނަގައި އިތުބާރު ނެތް ކަމުގެ ވޯޓަކީ ސިއްރު ވޯޓަކަށް ހެދުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. އެކަން ކަށަވަރުކޮށްދެއްވަމުން އިލްހާމް މިއަދު ވިދާޅުވީ، މަޖިލިސްގެ ކުރީ ދައުރު ނިމުމުގެ ކުރިން އިސްލާހު ހުށަހަޅައިފައިވާ ކަމަށާއި އިތުރު މައުލޫމާތު ދެއްވޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހު ކަމަށެވެ.
~
ނަމަވެސް ތަސްމީން މިއަދު ވިދާޅުވީ، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގެންވާނީ "ހާމަކަން" ބޮޑު ގޮތެއްގައި ކަމަށާއި ސިއްރު ވޯޓެއް ނެގުމަށް ތާއީދުނުކުރައްވާ ކަމަށެވެ.
އަދި ޝާހިދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ބަޔަކު މަސައްކަތް ކުރަނީ މަޖިލިސް ތެރޭ ޑީއާރްޕީއަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރެވޭތީތޯ ދެންނެވުމުން ވިދާޅުވީ، މަޖިލިސް ތެރޭ ޑީއާރްޕީން ކުރާ މަސައްކަތުގެ ނިސްބަތަށް ބަލައި ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ނުނިންމޭނެ ކަމަށެވެ.
" ޑީއާރްޕީން ޕާލިމެންޓްގައި އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރެވޭ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި އެހެން ބަޔަކު ގަބޫލު ކުރި ކަމުގައި ވިޔަސް އެކަމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތަކީ މަޖިލީހުގެ ރައީސެއް ނޫން. އެކަމުގެ ޒިންމާ އަޅުގަނޑު އުފުލަން ޖެހޭނީ ޑީއާރްޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރެއްގެ ހައިސިއްޔަތުން. އަޅުގަނޑު މިހިރީ ޖަވާބުދާރީ ވުމަށް ތައްޔާރަށް." މަޖިލީހުގެ މެޖޯރިޓީ ލީޑާ އަދި ކެންދޫ ދާއިރާގެ މެމްބަރު ތަސްމީން ވިދާޅުވި އެވެ.
ޑީއާރްޕީގެ މެމްބަރުންތަކެއް ބައިވެރިވެގެން ޝާހިދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅޭ ވާހަކަ ފެތުރުމުގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ވެސް ތަސްމީން މިއަދު ވިދާޅުވި އެވެ.
އަދި ޕާޓީގެ މަސްލަހަތަށް އެހާ ބޮޑު ގެއްލުމެއް ލިބިގެންދާ ކަމެއްގައި ޕާޓީގެ މެމްބަރަކު ބައިވެރިވެއްޖެ ނަމަ އެ މެމްބަރަކާ މެދު ޕާޓީން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ތަސްމީން ދެއްވި އެވެ.