22 Sep 2014, 23:17
ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ 17 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އަންހެން ހޭންޑްބޯލް ޓީމު ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން ވަނަ މެޗުގައި މިއަދު ހޮންކޮންގް އަތުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.
އިންޗިއޯން ސިޓީގެ ސުވޮން ޖިމްނޭޒިއަމްގައި މިއަދު މެންދުރު ފަހު ކުޅުނު މެޗުގައި ހޮންކޮންގް އަތުން ރާއްޖެ ބަލިވީ 47-7 ލަނޑުންނެވެ. މި މެޗުގައި ރާއްޖޭ ޓީމުގެ ފާތިމަތު ރިޝްމާ ވަނީ 4 ލަނޑު ޖަހައިފައެވެ. އަދި އާމިނަތު ނަޒްރާ 2 ލަނޑު ޖަހާދީފައިވާ އިރު ޝިޒްނާ ރަޝިދު އެއް ލަނޑު ޖަހައިދިނެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހޮނިހިރު ދުވަހު އުޒްބަކިސްތާން އަތުން ރާއްޖެ ވަނީ 57-7 ލަނޑުން ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ޖަޕާނު އަތުން ރާއްޖެ ބަލިވީ 79-0 ލަނޑުންނެވެ.
ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ ބުދަދުވަހު ނުކުންނާނީ ކަޒަކިސްތާނާ ދެކޮޅަށެވެ.
މިއީ ރާއްޖޭގެ ހޭންޑްބޯލް ޓީމެއް ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.