22 Sep 2014, 22:48
ކޮރެއާގައި ކުރިއަށްދާ 17 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ވޮލީ ޓީމު ކުޅުނު ފުރަތަމަ މެޗުން ހޮންކޮންގާ ވާދަކޮށް ސީދާ ތިން ސެޓުން ރާއްޖެ ބަލިވެއްޖެ އެވެ.
އިންޗިއޯންގެ ސޮންޏިމް ޖިމްނޭޒިއަމްގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ސެޓް ހޮންކޮންގް ކާމިޔާބުކުރީ 19-25 ޕޮއިންޓުންނެވެ. ވާދަވެރި ދެވަނަ ސެޓް 22-25 އިން ނިމުނުއިރު، ހޮންކޮންގުން ފަހު ސެޓް ކާމިޔާބުކުރީ 18-25 ޕޮއިންޓުންނެވެ.

މިއަދު ރާއްޖެއާއި ހޮންކޮންގް ވާދަކުރި މެޗުގެ ތެރެއިން.-- އެމްއޯސީ ފޮޓޯ: އިމޭޖަސް.އެމްވީ
މި މެޗުން ރާއްޖެ ބަލިވި ނަމަވެސް ތިން ސެޓުގައި ވެސް ރާއްޖޭ ޓީމުން ވަނީ ވާދަވެރި ރަނގަޅު ކުޅުމެއް ދައްކައިފައެވެ.
ކޯޗު މުޙައްމަދު ޝަރަފްގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި ރާއްޖޭ ޓީމަށް އެންމެ ގިނަ ޕޮއިންޓު ނަގައިދިނީ 17 ޕޮއިންޓު ހޯދައިދިން ޢަލީ ހުޒާމް އެވެ. ދެވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ 13 ޕޮއިންޓް ހޯދައިދިން އިސްމާއީލް ސާޖިދު އެވެ.

މިއަދު ރާއްޖެއާއި ހޮންކޮންގް ވާދަކުރި މެޗުގެ ތެރެއިން.-- އެމްއޯސީ ފޮޓޯ: އިމޭޖަސް.އެމްވީ
މުބާރާތުގައި ރާއްޖެ ވާދަކުރާ ގްރޫޕް "ސީ"ގައި ހޮންކޮންގުގެ އިތުރުން ހިމެނެނީ، އިންޑިއާ އާއި އީރާނެވެ.
ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބުދަދުވަހު ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅެ ފަހުމެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ އީރާނާ ދެކޮޅަށެވެ.

މިއަދު ރާއްޖެއާއި ހޮންކޮންގް ވާދަކުރި މެޗުގެ ތެރެއިން.-- އެމްއޯސީ ފޮޓޯ: އިމޭޖަސް.އެމްވީ
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ވޮލީބޯލް ޓީމު ވެސް ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުން މިއަދު ޗައިނީސް ޓައިޕޭ އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. ޓައިޕޭއިން މި މެޗުގެ ސެޓުތައް ގެންގޮސްފައި ވަނީ، 3-25، 11-25 އަދި 7-25 ޕޮއިންޓުންނެވެ.
ގްރޫޕް ސްޓޭޖްގައި ރާއްޖޭގެ އަންހެން ޓީމު ކުޅޭ ދެވަނަ މެޗުގައި މާދަމާ ނުކުންނާނީ ކަޒަކިސްތާނާ ދެކޮޅަށެވެ. އަދި ތިން ވަނަ މެޗުގައި ބުދަ ދުވަހު ޗައިނާއާ ވާދަކުރުމަށްފަހު، ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ބުރާސްފަތި ދުވަހު ރާއްޖެ ނުކުންނާނީ ހޮންކޮންގާ ދެކޮޅަށެވެ.