ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ ބައްދަލު ކުރުމަށް ފަހު އެމަނިކުފާނު ވަކިގޮތެއް ނިންމަވަންދެން، ޓީޗަރުންގެ ކަންބޮޑުވުންތައް ހާމަކުރުމުގެ ގޮތުން މޯލްޑިވްސް ޓީޗާސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ޓީޗަރުން ކުރިއަށް ގެންދާ އިހްތިޖާޖުތައް ފަސްކުރަން ނިންމައިފި އެވެ.

އިމާދުއްދީން ސްކޫލުގައި މިރޭ، ޓީޗަރުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޓީޗާސް އެސޯސިއޭޝަންގެ ރައީސް އާތިފް އަބްދުލް ހަކީމް ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީން އާއި ބައްދަލުކުރުމުގެ ފުރުސަތު އެ ޖަމިއްޔާ އަށް މިހާރު ލިބިފައިވާ ކަމަށާއި އެހެންކަމުން އެ ޖަމިއްޔާ އިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިހްތިޖާޖް ކުރިއަށްގެން ދާނީ ރައީސް ޔާމީން ނިންމަވާ ގޮތަކަށް ބެލުމަށް ފަހު ކަމަށެވެ.

ޓީޗަރުން ބާއްވަން އުޅުނު އިހްތިޖާޖް އެއްކޮށް ހުއްޓާނުލާ ކަމަށާއި ނަމަވެސް ދެން އެކަން ކުރިއަށް ގެންދާނީ ރައީސް ޔާމީން ނިންމަވާ ގޮތަކަށް ބެލުމަށްފަހު ކަމަށް އާތިފް ވިދާޅުވި އެވެ.

"ރައީސް ޔާމީން އާއި އަޅުގަނޑުމެން ބައްދަލުކުރެއްވުމަށް ފަހުގައި ރައީސް ޔާމީން ނިންމަވާ ގޮތަކަށް ބަލާފައި ނޫނީ އަޅުގަނޑުމެން އިހްތިޖާޖަކަށް ނުދާން ނިންމައިފިން،" އާތިފް ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ، އޭނާ ގަބޫލް ކުރައްވާގޮތުގައި ރައީސް ޔާމީން ޓީޗަރުންގެ ކަންބޮޑުވުންތައް ހައްލު ކޮށްދެއްވާނެ އެވެ.

ޓީޗަރުން އިހްތިޖާޖަށް ދިއުމަށް ނިންމީ މަޝްވަރާކުރުމުގެ ފުރުސަތު ނުދިނުމުން ކަމަށާއި ނަމަވެސް މިހާރު މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އާތިފު ވިދާޅުވި އެވެ. އަދި އެމަޝްވަރާ އަށް ހުރަހެއް އެޅިއްޖެ ނަމަ ޓީޗަރުން ދެން އިތުރު ވިސްނުމަކަށް ނުގޮސް އިހްތިޖާޖު ކުރާނެކަމުގެ މޭރުމަކުން އާތިފް ވަނީ ވާހަކަ ދައްކަވާފަ އެވެ.

ޓީޗާސް އެސޯސިއޭޝަން އާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު އެއްބަސްވެވުނު ޓައިމްލައިނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓީޗާސް އެސޯސިއޭޝަންގެ ނައިބު ރައީސް އަބްދުﷲ ރާޒީ ވިދާޅުވީ، އެ ޓައިމް ލައިންގަައި ބުނެފައިވާ ގޮތުން އަންނަ މަހުގެ 23ގެ ކުރިން ޓީޗަރުންގެ އޮނިގަނޑު ނިންމައި ރައީސް އޮފީހަށް ފޮނުވަން ޖެހޭ ކަމަށެވެ. އަދި ޓީޗާސް އެސޯސިއޭޝަނަށް މިނިސްޓްރީގެ ތައުލީމް ފަންޑު ކޮމެޓީންނާއި ޓީޗަރުންނާއި ގުޅުން ހުރި ކަންކަން ނިންމުމުގެ ގޮތުން އެކުލަވައިލާ ކޮމެޓީތަކުން އެޓައިމް ލައިންގައި ބުނެފައިވާ ގޮތުގެ މަތިން ފުރުސަތު ލިބޭ ކަމަށް ރާޒީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ޓައިމްލައިންގައި ހިމަނަން ބޭނުންވި ކަންކަމުގެ 99 ޕަސެންޓް ކަންކަން ވަނީ ހާސިލްވެފައި، ހާސިލް ނުވެ ވަނީ އެންމެ ކަމެއް. އެއީ ޓީޗަރުންގެ އޮނިގަނޑަށް އަމަލުކުރަން ފެށޭނެ ތާރީހެއް ލިބިފައިނެތުން،" ރާޒީ ވިދާޅުވި އެވެ.

ޓީޗަރުންގެ އިތުރު ގަޑީގެ ފައިސާ ދިނުމާއި އެހެނިހެން ގިނަ ކަންތައްތަކާ މެދުވެސް މިނިސްޓްރީ އާއި ޓީޗަރުންގެ ޖަމިއްޔާއާ ދެމެދު މިހާރު މަޝްވަރާތައް ކުރިއަަށް ދާކަމަށް ރާޒީ ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ޓީޗަރުންގެ ވާހަކަތަކަށް ބަލާ އިރު ހުރިހާ ބޭފުޅުން ވެސް ވިދާޅުވެފައި ވަނީ ޓީޗަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ ކޮންމެ ހިނދެއްގައި އިހްތިޖާޖް ކުރުމަށް ވެސް ޓީޗަރުން ތައްޔާއަށް ތިބި ކަމަށެވެ.