22 Sep 2014, 21:36
އިޖުތިމާއީ ޚިދުމަތްތެރިންނާ ބެހޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލައި ވަރަށް އަވަހަށް އާންމުކުރައްވާނެ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ދަށުން އަތޮޅުތަކާއި މާލޭގައި މަސައްކަތް ކުރާ ސޯޝަލް ވޯކަރުންނަށް އަމާޒުކޮށްގެން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ "ރިފްރެޝާ ޓްރެއިނިން" ޕްރޮގްރާމް ނިންމުމުގެ ރައްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަނިލް ވިދާޅުވީ އިޖުތިމާއީ ޚިދުމަތްތެރިންގެ މަސައްކަތަކީ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ޚިދުމަތްދެވޭ މަސައްކަތަކަށްވުމަކީ އެ މިނިސްޓްރީގެ އަމާޒެއް ކަމަށެވެ.
އެގޮތުން އެ އޮނިގަނޑުގައި އިޖުތިމާއީ ޚިދުމަތްތެރިންގެ ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަމާއި އިޖުތިމާއީ ޚިދުމަތްތެރިންގެ މަސްއޫލިއްޔަތުތަކާއި އެމީހުންގެ ސުލޫކީ މިންގަނޑުތައް ހުންނަންޖެހޭނީ ކިހިނެތްކަން ބަޔާންކޮށްފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިޖުތިމާއީ ޚިދުމަތަކީ ވެސް ފަންނީ ދާއިރާއެއް ކަމަށާއި އަލަށް ތައާރަފްވަމުން އަންނަ އެކިއެކި ގާނޫނުތަކުގައި، ޚާއްސަކޮށް ގެވެށި އަނިޔާ ހުއްޓުވުމާ ބެހޭ ގާނޫނުގައި އިޖުތިމާއީ މަސައްކަތްތެރިންގެ ޒިންމާތައް ބަޔާންކޮށްފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ.
އެޓާނީ ޖެނެރަލް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް އިޖުތިމާއީ ޚިދުމަތް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެމަގުސަދު ހާސިލްކުރުމަށްޓަކައި ހިވާގި އަދި އެ މަސައްކަތަށް ޝައުގުވެރިކަން ހުންނަ މުވައްޒަފުން ބޭނުންވާ ކަމަށެވެ.
އިޖުތިމާއީ ޚިދުމަތްތެރިން އަދާކުރަމުންދާ މަސްއޫލިއްޔަތުގެ އަގު ގައުމީފެންވަރުގައި ވަޒަންކުރެވޭނެ ގޮތްހެދުމަށް އެ މިނިސްޓްރީން އިސްވެ މަސައްކަތްތަތަކެއް ފަށައިގެން ކުރަމުން އަންނަ ކަމަށް ވެސް މިއަދުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވި އެވެ.