22 Sep 2014, 21:18
ޔޫރޯ 2020ގެ ސެމީ ފައިނަލް މެޗާއި ފައިނަލް މެޗު ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭގޮތަށް ހަމަޖެއްސުމުން އެ މުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކުމަށް އިންގްލެންޑުގެ ޒުވާން ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ޓީމުގެ ކޯޗު ރޯއި ހޮޖްސަން ބުނެފި އެވެ.
އިނގިރޭސި ވިލާތުގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ޔޫރޯގެ ފައިނަލް މެޗުތަށް ކުޅޭނޭކަން މިދިޔަ ހުކުރު ދުވަހު ޔުއެފާއިން އިއުލާނުކުރި އިރު މިއީ 1996 އަހަރުގެ ޔޫރޯއަށް ފަހު ވެމްބްލީގައި މި މުބާރާތް ބޭއްވޭ ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ސެމީ އަދި ފައިނަލް 2020 ގައި ވެމްބްލީ ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ޓީމުގެ ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރަހީމް ސްޓާލިންގް އާއި ޖެކް ވިލްޝެއާއާއި ފިލް ޖޯންސް އަދި ޑެނީ ވެލްބެކް ފަދަ ކުޅުންތެރީން ހިމެނޭނީ 30 އަހަރުން ދަށުގެ ކުޅުންތެރިންގެ ބައިގައެވެ. އެހެން ވުމާއެކު އެއީ އެ ކުޅުންތެރީންނަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް ހޮޖްސަން ބުންޏެވެ.
"2020 ގައި ބާއްވާ ޔޫރޯގެ ފައިނަލް އަދި ސެމީ ފައިނަލް އިންގްލެންޑުގައި ބޭއް ވުމަކީ ޓީމަށް ވަރަށް ރަނގަޅު ކަމެއް. ޒުވާން ކުޅުންތެރިންނަށް މިއީ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ. މި ފުރުސަތު ޓީމުން ރަނގަޅަށް ބޭނުން ނުކޮށްފި ނަަމަ ވަރަށް ގެއްލުން ދައްކާނެ،" އިންގްލެންޑް ކޯޗު ބުންޏެވެ.
ޔޫރޯ 2020 ފެށެން އަދި ހަ އަހަރު އޮތް އިރު ހޮޖްސަން ގެ އުއްމީދަކީ މުބާރާތް ފެށުމުގެ ކުރިން ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާ ލިބުމަށެވެ.
"އަހަރެމެންގެ މައުގަނޑު އަމާޒަކީ 2016 ވަނަ އަހަރު ފްރާންސްގައި އޮތް ކަޕުން ރަނގަޅު ނަތީޖާއެއް ގެނައުން. އެގޮތުން 2018 ވަނަ އަހަރު ރަޝިއާގައި އޮންނަ ކަޕަށް ޓީމުގެ ކުޅުންތެރިންނަށް ރަނގަޅު ކޮންފިޑެންސެއް ލިބޭނެ. އަދި 2020ގައި އިންގްލެންޑުގައި ބާއްވާ ކަޕުން ރަނގަޅު ނަތީޖާއެއް ލިބިދާނެ ކަމަށް ގަބޫލު ކުރެވޭ. އޭރު ޓީމަށް އޮންނާނީ ފަސް ޓޯނަމެންޓުގައި ކުޅެވިފައި،" ހޮޖްސަން ބުންޏެވެ.
އިންގުލެންޑް ގައުމީ ޓީމުގެ ކޯޗު ބުނީ ވޯލްޑް ކަޕުން ލިބިފައިވާ ހިތާމަ ވެރި ނަތީޖާ ހަނދާނުން ފޮހެލުމަށްފަހު ކުޅުންތެރީން މިހާރު ތިބީ ކުރިއަށްދާން ތައްޔާރަށް ކަމަށެވެ.
"ވޯލްޑް ކަޕުން ލިބުނީ ވަރަށް ދެރަ ނަތީޖާއެއް. އެކަމު މިވަގުތަކީ އެ ހުރިހާ ކަމެއް ފަހަތަށް ލުމަށްފަހު އާ ހިތްވަރަކާއެކު ކުރިއަށް ދިޔުން. އިންގްލެންޑުގައި ކުޅެން ލިބުކަމީ ވަރަށް ރަނގަޅު ފުރުސަތެއް. އުއްމީދު ކުރަނީ އުފާ ފާޅު ކުރާ ކަހަލަ ނަތީޖާއެއް ލިބޭނެ ކަމަށް،" ހޮޖްސަން ބުންޏެވެ.