ދެކުނު ކޮރެއާގެ އިންޗިއޮން ސިޓީގައި މިހާރު ކުރިއަށްދާ 17 ވަނަ އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ބާސްކެޓްބޯލް އިވެންޓުގައި ވާދަކުރާ ރާއްޖޭގެ ބާސްކެޓްބޯލްޓީމު މި މުބާރާތުގައި ކުޅުނު ފަހު މެޗުގައި ހޮންކޮންގާ ވާދަކޮށް 70 ޕޮއިންޓުގެ ތަފާތުން ބަލިވެއްޖެ އެވެ.

މި މެޗަށް ނުކުތްއިރު ވެސް ރާއްޖެ ވަނީ މުބާރާތުން ކަޓައިފައެވެ. މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ކުވެއިތު އަތުން ބަލިވީ 116-44 ޕޮއިންޓުންނެވެ. ދެވަނަ މެޗުގައި މޮންގޯލިއާ އަތުން ރާއްޖެ ބަލިވީ 112-54 ޕޮއިންޓުންނެވެ. އަދި މިއަދު ހޮންކޮންގް އަތުން ރާއްޖެ ބަލިވީ 115-45 ޕޮއިންޓުންނެވެ.

މިއަދުގެ މެޗުގައި ރާއްޖޭ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 12 ޕޮއިންޓު ހޯދައިދިން މުޙައްމަދު ޒިލާލު އެވެ. އަދި އަޙްމަދު އާލީ މުސްޠަފާ 8 ޕޮއިންޓު ހޯދައިދިން އިރު، އިބްރާހީމް ރަޝްވާނާއި ޒަކަރިއްޔާ އަބްދުއްލަޠީފް މިއިން ކޮންމެ ކުޅުންތެރިޔަކު 7 ޕޮއިންޓް ހޯދައިދިނެވެ.

މި މެޗުގައި ހޮންކޮންގް ޓީމުގެ ޗުންގ ވައި ވޮންގ އާއި ކަމް ހިންގ ޗެން މިއިން ކޮންމެ ކުޅުންތެރިއަކު އެޓީމަށް 20 ޕޮއިންޓު ހޯދައިދިނެވެ. އަދި އެޓީމު ކި ލީ ވަނީ 19 ޕޮއިންޓް ހޯދައިދީފައެވެ.

މުބާރާތުގައި ރާއްޖެ ވާދަކުރި ގްރޫޕް "އޭ"ގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަބުރުން ޖާގަ ހޯދީ ކުވައިތެވެ. އަދި ދެވަނަ ޓީމުގެ ގޮތުގައި މޮންގޯލިއާ ދެވަނަ ބުރަށް ދިޔައިރު ހޮންކޮންގް ދިޔައީ ގްރޫޕުގެ ތިންވަނައަށެވެ.

އޭޝިއަން ގޭމްސްގައި ބައިވެރިވި ރާއްޖޭގެ ބާސްކެޓްބޯލް ޓީމުގެ ކޯޗަކީ އިބްރާހީމް ނާހިދުއެވެ. އަދި އެސިސްޓެންޓް ކޯޗަކީ އަޙްމަދު ފަޔާޒެވެ.