ގައުމީ ޔުނިވާސިޓީން އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. އަލީ ޝަރީފު ވިދާޅުވީ، ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލިއިރު، ޔުނިވާސިޓީގެ މާލެއާއި އަތޮޅު ތެރޭގައި ހުރި ކެމްޕަސްތަކުން އިއްޔެ އެކަނި ވެސް 1500 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ.

ޝަރީފު ވިދާޅުވީ، ކޯސްތަކަށް ފުރުސަތު ދެވޭނީ އެންމެ ފުރަތަމަ ފޯމުލާ ކުދިންގެ ތެރެއިން ޝަރުތު ހަމަވާ ކުދިންނަށް ކަމަށެވެ. އަދި ފޯމުގައި ހުށަހަޅާތާ 14 ދުވަސްތެރޭ ކޯހަށް ހޮވުނުކަން އަންގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ކޯސްތައް ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހު. އޭގެ ދޮޅުމަހެއްހާ ދުވަސް ކުރިން ޖާގަ ފުލްވެފަ ހުރި ކޯސްތަކާ ޖާގަ ހުރި ކޯސްތައް އިއުލާންކުރާނެ،" ޑެޕިއުޓީ ވައިސް ޗާންސެލަރު ވިދާޅުވި އެވެ.

ޔުނިވާސިޓީން ފަށާ ކޯސްތައް މިމަހުގެ ކުރީކޮޅު އިއުލާންކުރި ނަމަވެސް، އަތޮޅު ތެރޭގައި ތިބި ކުދިންނަށް ފުރުސަތު ބޮޑު ކޮށްދިނުމުގެ ގޮތުން ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހުޅުވާލީ ގާތްގަނޑަކަށް ތިން ހަފްތާގެ މުއްދަތެއް ދިނުމަށްފަހު އެވެ.

ގައުމީ ޔުނިވާސިޓިން އަންނަ އަހަރުގެ ޖެނުއަރީ މަހަށް، ސެޓްފިކެޓް ތިނެއްގެ ފެންވަރުގެ ކޯސްތަކުން ފެށިގެން މާސްޓާސް ފެންވަރުގެ 202 ކޯހަކަށް 6280 ޖާގަ ހުޅުވާލާފައިވެ އެވެ.