22 Sep 2014, 20:11
ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި ވާދަވެރި ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އާއި އޮލިމްޕިކް ލިޔޮނައިސް އެއްވަރުވެއްޖެ އެވެ.
ފްރާންސްގެ ޕެރިސް ސެއިންޓް އެރީނާގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ ޕީއެސްޖީ އިންނެވެ. މި ގޯލް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފު ފަށައިގެން 20 ވަނަ މިނިޓުގައި ޕީއެސްޖީގެ އުރުގާއިއަން ފޯވަޑް އެޑިންސަން ކަވާނީ އެވެ.
ފުރަތަމަ ހާފުގައި ލިއޯންގެ އެލެގްޒާންޑްރާ ލަކެޒެޓް ފޮނުވާލި ހަމަލާ ގޯލް ދަނޑި ކައިރިން ބޭރަށް ދިޔައިރު އެއިގެ ފަހުން އެޓީމުގެ މުވަމްބާއަށް އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުން ކާމިޔާބުވާ ގޮތެއް ނުވިއެވެ.
މެޗު ނިމެން އެންމެ 6 މިނެޓަށް ވެފައި ވަނިކޮށް އޮލިމްޕިކް ލިއޯންއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށް ދިނީ 84 ވަނަ މިނިޓުގައި ސަމުއެލް އުމްޓިޓީ އެވެ. ދެވަނަ ހާފުގައި ދެޓީމަށްވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނެވެ. މިގޮތުން ޕީއެސްޖީ އިން މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކަވާނީއަށް ލިއޯން ގެ ގޯލް ފޫއަޅުވާލަން ގިނަ ފުރުސަތުކެއް ލިބިފައިވެއެވެ.
މުޅި މެޗުގައި ގޯލް ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ މެޗު ނިމެން ކައިރިވެފައިވަނިކޮށް ލިއޯންގެ ކޮރެންޓިން ޓެލިސޯ އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޕީއެސްޖީގެ ލޫކަސް މޫރާ އެވެ.
މި ސީޒަންގައި ޕީއެސްޖީ އަދި މެޗަކުން ބަލިވެފައިނެތަސް ޖެހިޖެހިގެން ތިން މެޗުން މޮޅެއް ނުލިބި އެއްވަރު ވުމުން އެޓީމުގެ ސަޕޯޓަރުން ތިބީ ހިތްހަމަނުޖެހިފައެވެ.
މި މެޗުން ލިބުނު ޕޮއިންޓާއެކު ފްރެންޗް ލީގުގައި ޕީއެސްޖީ ތާވަލުގެ ފަސްވަނައިގައި ދިހަ ޕޮއިންޓާއެކުވާއިރު ލިއޯން އޮތީ ހަތް ޕޮއިންޓާއެކު 12 ވަނައިގައެވެ. ތާވަލުގެ އެންމެ ކުރީގައި އޮތީ ކުޅުނު ހަ މެޗުން ލިބުނު 13 ޕޮއިންޓާއެކު އޮލިމްޕިކް މާސޭ އެވެ.