ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މުވައްޒަފުންގެ ހިތްތަކުގައި ގައުމީ ރޫހް އާލާކުރުމުގެ ގޮތުން ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

އެސްޓީއޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، އެސްޓީއޯގެ މުވައްޒަފުންގެ މެދުގައި ގައުމީ ރޫހެއް އެކުލަވާލުމުގެ މަގުސަދަކީ ޓީމެއްގެގޮތުގައި އެސްޓީއޯގެ މުވައްޒަފުން މަސައްކަތް ކުރުވުން ކަމަށެވެ.

ގައުމީ ރޫހް އެކުލަވައިލުމުގެގޮތުން އެސްޓީއޯގެ މުވައްޒަފުން ކޮންމެ އާދިއްތަ ދުވަހެއްގެ މަސައްކަތް ފެށުމުގެގޮތުން ގައުމީ ސަލާމް ކިޔުމާއި އެސްޓީއޯގެ ހުރިހާ ދިމާލެއްގައި ދިވެހި ދިދަ ބޭނުން ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯގެ އާ ޔުނީފޯމް މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ތައާރަފް ކުރެވިގެން ދާއިރު އެ ޔުނީފޯމްގައި ވެސް ދިވެހި ދިދަ ބޭނުން ކުރެވޭއިރު އެސްޓީއޯގެ މުވައްޒަފެއްކަން އަންގައިދޭ ފާހުގައި ވެސް ދިވެހި ދިދަ ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

ގައުމީ ރޫހް އާލާ ކުރުމުގެ ގޮތުން ހާއްސަ ކެމްޕެއިންތަކެއް އެސްޓީއޯއިން ކުރިއަށްގެންދާއިރު އެ ކުންފުނިން ވަނީ ދާދިފަހުން އެ ކުންފުނީގެ މުވައްޒަފުން ހިދުމަތްދޭއިރު ހިނިތުންވުމާއެކު ހިދުމަތްދިނުމުގެ ރޫހް އަށަގެންނެވުމުގެ ގޮތުން "ސްމައިލިންގ ކެމްޕެއިން"ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށާފައެވެ.