މާލެ ގެނައި ގައިދީއަކު ގޮވައިގެންދިޔަ ޑީޕީއާރްއެސްގެ މުވައްޒަފުންތަކަކަށް ތޫނު ހަތިޔާރުން ބިރު ދެއްކުމަށް ފަހު ގައިދީ ގޮވައިގެން ފިލައިފި އެވެ.

ޑީޕީއާރުއެސްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު މެންދުރު ގައިދީއަކު މާލެ ގެނެސް ގޮވައިގެން ދަނިކޮށް ކަމަށެވެ.
އަދި ވިދާޅުވީ ގައިދީ ގޮވައިގެން ފިލީ ޑީޕީއާރުއެސްގެ ވޭން ޓްރެފިކް ލައިޓް ގައި ޖެހުނު ވަގުތު ކަމަށެވެ.
ނަމަވެސް ގައިދީ ގެނައީ ޑޮކްޓަރަށް ދައްކަން ކަމެއް ނުވަތަ ކޯޓަށް ގެންދަން ކަމެއް ނޭންގޭ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ. އަދި އެއީ މާފުށީ ޖަލުން ގެނައި ގައިދީއެއް ކަމަށް ވެސް ސާފެއް ނުވި އެވެ.

"އަޅުގަނޑުމެންގެ ވޭން ޓްރެފިކް ލައިޓްގައި ޖެހިފައި އޮއްވާ، ބަޔަކު އައިސް އޮފިޝަލުންނަށް ތޫނު ހަތިޔާރުން ބިރުދައްކާފައި ގައިދީ ގޮވައިގެން ފިލީ. އެކަމަކު ގައިދީ މިކޮޅަށް ގެނައީ ކީއްކުރަން ކަމެއް އަޅުގަނޑަކަށް އަދިސާފެއްނުވޭ" ރަޝީދު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެފަދަ މައްސަލަ އެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އަދި އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.

މިމަހުގެ ފަސް ވަނަ ދުވަހު އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް ގެންދިޔަ ގައިދީއަކު ޑީޕީއާރުއެސްގެ ހަތަރު މީހަކަށް ބިރުދެއްކުމަށް ފަހު ވަނީ ފިލާފަ އެވެ.