22 Sep 2014, 19:45
ކޮރެއާގެ އިންޗިއޯންގައި މިހާރު ކުރިއަށްދާ 17 ވަނަ އޭޝިއަން ގޭމްސް ގައި އިންޑިއާއިން 25 މީޓަރު ޝޫޓިންގައި ބްރޯންޒް މެޑަލް ހޯދައިފި އެވެ.
ހޯމަ ދުވަހު ކުރިއަށް ދިޔަ އަންހެން ޝޫޓިންގް އިވެންޓުގައި އިންޑިއާގެ ޓްރިއޯ ހީނާ ސިދޫ، ރާހީ ސަރްނަބަޓް އާއި އާނިސާ ސައީދު ބްރޯންޒް ހޯދައިފައިވަނީ ފައިނަލްގައި ޖުމްލަ 1729 ޕޮއިންޓް ހޯދައިގެންނެވެ. މި އިވެންޓުގައި ރަން މެޑަލް ހޯދި ދެކުނު ކޮރެއާގެ ޓީމަށް 1748 އަށް ޕޮއިންޓް ލިބުނުއިރު ސިލްވާ މެޑަލް ކާމިޔާބު ކުރީ 1747 ޕޮއިންޓާއެކު ޗައިނާގެ ޓީމެވެ.
މެޗައްފަހު ވާހަކަދައްކަމުން އިންޑިއަން ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އާނިސާ ސައީދު ބުނީ ފައިނަލް ހީޓް ކުރިއަށްދިޔައިރު ބޮޑު ޕްރެޝަރަކާ ކުރިމަތިވި ކަމަށެވެ.
" އަސްލު ބޮޑުޕްރެޝަރަކާ ކުރިމަތިވި. އަހަރުމެންނަށް އިނގޭ އަހަރެންނާ ރާހީ ޖެހޭކަން ރެޕިޑް ފަޔާގައި ރަނގަޅު ކުޅުމެއް ދައްކަން. ސަބަބަކީ ހީނާ އަކީ އެއަށް އާ ކުއްޖެއް. ވަރަށް އުފާވެފައި މިހިރީ ހަޔާތުގެ އެންމެ ފުރަތަމަ އޭޝިއަން ގޭމްސް މެޑަލް ލިބުނީމަ،" އާނިސާ ބުންޏެވެ.
މި އިވެންޓުން އިންޑިއާއިން ރަނގަޅު ކާމިޔާބެއް ހޯދި ނަމަވެސް 10 މީޓަރު އެއާ ރައިފަލް ފައިނަލުގައި އިންޑިއާގެ ޓީމް ވަނީ މެޑައްޔަކާ ހަމައަށް ނުދެވި ކަޓާފައެވެ.
އޭޝިއަން ގޭމްސްގެ މެޑަލް ޓެލީގައި އިންޑިއާ އޮތީ ޖުމްލަ ހަ މެޑައްޔާއެކު ލިސްޓުގެ 12 ވަނައިގައެވެ. 36 މެޑައްޔާއެކު އެންމެ ކުރީގައި ޗައިނާ ވާއިރު 34 މެޑަލް ހޯދައިގެން ދެވަނައިގައި އޮތީ މުބާރާތް ކުރިއަށްދާ ގައުމު ދެކުނު ކޮރެއާއެވެ.