22 Sep 2014, 19:41
އިންގްލިޝް ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އެޓީމާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި ޗެލްސީން މެޗް ކާމިޔާބުރަން މަސައްކަތެއް ނުކުރާ ކަމަށް ސިޓީގެ ކޯޗު މެނުއެލް ޕެލެގްރިނީ ބުނެފި އެވެ.
ސްކައި ސްޕޯޓްސްއަށް މައުލޫމާތު ދެމުން ޗިލިއަން ކޯޗު ބުނީ މެޗުން މޮޅުވާން ޗެލްސީން މާބޮޑު މަސައްކަތެއް ކުރި ތަނެއް ނުފެންނަ ކަމަށާއި ޗެލްސީ އުޅުނީ ހަމައެކަނި ކައުންޓާގައި ސިޓީގެ ގޯލަށް ނުރައްކާ ކުރަން ކަމަށެވެ. އަދި މެޗުން މޮޅު ނުވެވުމުން ހިތްހަމަނުޖެހޭ ކަމަށާއި ލީގު ދިފާއުކުރުމަކީ އުނދަގޫކަމެއް ކަމެއް ކަމަށް ވެސް ސިޓީގެ ކޯޗު ބުންޏެވެ.
" އަހަރެންނަކަށް ހިއެއް ނުވޭ އެމީހުން މެޗު ކާމިޔާބުކުރަން ބޭނުންވިހެން. ހަމައެކަނި ކައުންޓާގައި ހަމަލާދޭން އުޅުނުތަން ފެނުނީ. މެޗް ކާމިޔާބުކުރަން އެއްވެސް މަސައްކަތެއް ކުރި ތަނެއް އަހަރެންނަކަށް ނުފެނޭ. ސްޓޯކް މެޗު ކަހަލަ މެޗެއް މިއީވެސް. އަހަރެންނަށް ހީވަނީ މިފަހަރުގެ ލީގު ދިފާއުކުރަން ވަރަށް އުނދަގޫ ވާނެހެން. ސަބަބަކީ މިހާރު ޓީމްތައް ކުޅެނީ ޗެލްސީން އަހަރުމެންނާ ދެކޮޅަށް ކުޅުނު ގޮތަށް،" ޕެލެގްރިނީ ބުންޏެވެ.
ޕެލެގްރިނީ ބުނީ ޗެލްސީ ލީޑު ނަގާފައި ވަނިކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ސިޓީގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ހިތްވަރެއް ފެނިގެން ދިޔަ ކަމަށާއި 10 ކުޅުންތެރިންނާއެކު ސިޓީ އިން މެޗު ނިމެންދެން ރަނގަޅަށް މަސައްކަތްކޮށްފައި ވާކަމަށެވެ.
ލީގުގައި ކުޅުނު ފަސް މެޗުން ލިބުނު އަށް ޕޮއިންޓާއެކު ސިޓީ އޮތީ ތާވަލުގެ ހަވަނައިގައެވެ.