އިނގިރޭސިވިލާތުގެ ލެވިސް ހެމިލްޓަން ވޯލްޑް ފޯމިއުލާ ވަން ޗެމްޕިއަންޝިޕުގެ ސިންގަޕޫރް ގްރޭންޑް ޕްރިކްސް ކާމިޔާބުކޮށްފި އެވެ.

ހެމިލްޓަން ގެ ފަހަތުން ދެވަނައިގައި ރޭސް ނިންމައިފައިވަނީ ސެބޭސްޓިއަން ވެޓެލް އެވެ. ތިންވަނަ ހޯދައިފައިވަނީ އޮސްޓްރޭލިއާގެ ޑެނިއެލް ރިކާޑޯ އެވެ.

މިއީ މިސީޒަންގެ ޗެމްޕިއަންޝިޕުގައި ހެމިލްޓަން ކާމިޔާބު ކުރި ހަތްވަނަ ރޭސްކަން ފާހަގަކޮށްލެވެއެވެ. ހެމިލްޓަން 2008 ވަނަ އަހަރު ވޯލްޑް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފަހަރު މުޅި ސީޒަންގައި ވެސް މޮޅުވީ ފަސް ރޭހަކުންނެވެ. އޭނާ ވަނީ މި ސީޒަންގައި މިހާތަނަށް ގިނަ ރޭސްތަކަކުން ރަނގަޅު ކާމިޔާބީއެއް ހޯދައި ހަތަރުމަސް ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންޝިޕް ރޭންކިންގްގެ އެންމެ ކުރިއަށް ޖެހިލާފައެވެ.

ހެމިލްޓަން ބުނީ، އެންމެ ފަހުގެ ތިން ސިންގަޕޫރް ޖީޕީ ކާމިޔާބުކޮށްފައިވާ ޖަރުމަނުގެ ސެބޭސްޓިއަން ވެޓެލްގެ މައްޗަށް ކުރި ހޯދުމުން ވަރަށް އުފާވާ ކަމަށާއި މި ސީޒަންގައި ރަނގަޅު ހިސާބަކަށް ދެވޭނެކަމަށް އުއްމީދުކުރާ ކަމުގައެވެ.
މިއީ ހެމިލްޓަން ކާމިޔާބުކުރި 29 ވަނަ ގްރޭންޑް ޕްރިކްސް އެވެ.

ފޯމިއުލާވަން ވޯލްޑް ޗެމްޕިއަންޝިޕް ރޭންކިންގްގެ އެންމެ ކުރީގައި މާސޭޑްސް އިން ލީޑު ދަމަހައްޓަމުން އަންނަ އިރު ހެމިލްޓަން އާއި ދެވަނައިގައިވާ ނިކޯ ރޯސްބާގް އާ ދެމެދުގައި ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. އެއްވަނައިގައި ހެމިލްޓަން އޮތީ 241 ޕޮއިންޓާއެކުގައެވެ. ރޯސްބާގް އަށް ދެވަނަ ލިބެނީ 238 ޕޮއިންޓް ލިބިގެންނެވެ. ރޭންކިންގް ގެ ތިންވަނައިގައި 181 ޕޮއިންޓާއެކު އޮތީ ރެޑްބުލް ރޭސިންގެ ޑެނިއެލް ރިކާޑޯއެވެ.