22 Sep 2014, 19:23
ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު 17 ވަނަ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓްގެ ގްރޫޕް ސްޓޭޖްގައި ކުޅުނު ފަހު މެޗުގައި އީސްޓް ޓީމޯއާ ވާދަކޮށް 3-2 ލަނޑުން މޮޅުވެ މުބާރާތަށް އަލްވަދާއު ކިޔަފި އެވެ.
ކޮރެއާގެ އިންޗިއޯންގެ އަންސާން ވަ ސްޓޭޑިއަމްގައި ރާއްޖޭ ގަޑިން މިއަދު ހަވީރު 4:00ގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖެހީ ޓީމޯ ލެސްޓޭ އެވެ. ޓީމޯއަށް އެ ލަނޑު ޖަހައިދިނީ، އެޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 20 ވަނަ މިނިޓްގައި ޑިފެންޑަރު ޑިއޯގޯ ސަންޓޯސް ރަންގެލްއެވެ. ޓީމޯއިން ލަނޑު ޖެހިތާ ހަތްމިނިޓް ފަހުން ރާއްޖޭ ޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ރާއްޖޭ ޓީމަށް ލަނޑު ޖަހައިދިނީ މެޗުގެ 27 ވަނަ މިނިޓްގައި ޒުވާން ޑިފެންޑަރު އަމްދާން އަލީ އެވެ.
ރާއްޖޭ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެ އޮވެގެންނެވެ.
ދެވަނަ ހާފްގެ ކުޅުން ފެށިގެން 13 މިނިޓް ކުޅެވުނު ތަނާ ޓީމޯއިން ދެވަނަ ފަހަރަށް މެޗުގެ ކުރި ހޯދިއެވެ. މެޗުގެ 58 ވަނަ މިނިޓްގައި ޓީމޯގެ ދެވަނަ ލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ފޯވާޑް ރިކާޑޯ ސޫޒާ ޑަކްރޫޒް މާރިއާ އެވެ. ނަމަވެސް ރާއްޖޭގެ ޒުވާން ޓީމުން ކުޅުން އިތުރަށް ރަނގަޅުކޮށް ޓީމޯގެ ގޯލަށް ނުރައްކާ ކުރާން ފެށުމުގެ ނަތީޖާއަކަށްވީ، 63 ވަނަ މިނިޓްގައި ރާއްޖޭ ޓީމުން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރުމެވެ. ރާއްޖޭ ޓީމަށް ދެވަނަ ލަނޑު ޖަހައިދިނީ، މިޑްފީލްޑަރު މޫސާ ޔާމީން އެވެ. ޔާމީން ވަނީ މިމެޗުގައި ޓީމޯގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފައެވެ.
ރާއްޖޭ ޓީމަށް މުބާރާތުގެ ފުރަތަމަ ތިން ޕޮއިންޓު ކަށަވަރުކޮށްދިނީ، މެޗުގެ 73 ވަނަ މިނިޓްގައި ލަނޑެއް ކާމިޔާބުކޮށް މުޙައްމަދު އިރުފާން އެވެ.
މިއަދުގެ މެޗުގައި ރާއްޖޭ ޓީމުން ވަނީ އީސްޓް ޓީމޯގެ ގޯލަށް 16 ހަމަލާ ފޮނުވާލައި އޭގެ ތެރެއިން 10 ހަމަލާ ގޯލަށް އަމާޒުކޮށްފައެވެ. ޓީމޯއަށް ރާއްޖޭ ކޮޅަށް އުފެއްދުނީ 6 ހަމަލާއެވެ. އޭގެ ތެރެއިން ގޯލަށް އަމާޒުކުރެވުނީ އެންމެ 4 ހަމަލާއެވެ.
މިއަދުގެ މެޗުގައި ރާއްޖޭ ޓީމުގެ ފުރަތަމަ 11ގައި ކުޅެން އެރީ، ގޯލް ކީޕަރު މުޙައްމަދު ޖަޒްލާންއާއި ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ، ޝާފިއު އަހްމަދު، މުޙައްމަދު ސާއިފް، އަމްދާން ޢަލީ، އަޙްމަދު ނޫމާން އަދި ސަމްދޫޙު މުޙައްމަދުއާއި، މިޑްފީލްޑަރުންގެ ގޮތުގައި، މުޙައްމަދު އާރިފް (ބަކާ)، މޫސާ ޔާމީން (ޔާންބެ)، މުޙައްމަދު އިރުފާންއާއި ފޯވާޑުންގެ ގޮތުގައި ކެޕްޓަން އަސަދުﷲ ޢަބްދުﷲއާއި އަޙްމަދު އިމާޒު (އާއްކޮ) އެވެ.
މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް "އީ"ގެ އަނެއް މެޗުގައި މިއަދު ތައިލެންޑް ވަނީ އިންޑޮނޭޝިއާ އަތުން 6-0 ލަނޑުން މޮޅުވެފައެވެ.
ގްރޫޕް ސްޓޭޖްގެ މެޗުތައް ކުޅެ ނިމިފައިވާއިރު ރާއްޖެ ހިމެނޭ ގްރޫޕް "އީ"ގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ، ކުޅުނު ތިން މެޗުން މޮޅުވެ 9 ޕޮއިންޓާއެކު ތައިލޭންޑެވެ. އަދި ދެ މެޗުން މޮޅުވެ 6 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ލިބުނީ އިންޑޮނޭޝިއާ އަށެވެ. 3 ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނަ ރާއްޖެއަށް ލިބުނު އިރު އީސްޓް ޓީމޯ ދިޔައީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލަށެވެ.