22 Sep 2014, 17:43
ގިނައަދަދެއްގެ ސައްޚަ ނޫން ފައިސާގެ ނޫޓުތަކެއް ގެންގުޅުމުގެ ކުށުގައި މ. ޒިލިއަން އަހްމަދު އިހްސާން ހަ އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭ 12:55 އެހައިކަންހާއިރު، ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ސައްޚަ ނޫން ފައިސާގެ ނޫޓުތައް ފެނިފައި ވަނީ އިހްސާންގެ ބައްޕަގެ ނަމުގައި މ. ވައިޖެހޭ ގެއިން ކުއްޔަށް ހިފާފައި ހުންނަ ގުދަނެއްގެ ތެރެއިން ކަމަށެވެ.
އެތަނުގެ ތެރެއިން ދިވެހި ރުފިޔާގެ ސައްޚަ ނޫން 494 ނޫޓު ފެނިފައިވާއިރު އޭގެތެރޭގައި 480 ރުފިޔާގެ 100 ނޫޓު ހިމެނެއެވެ. ދިވެހި ފައިސާގެ ތެރެއިން 186 ނޫޓުގައިވާ ކުރެހުންތަކާއި ލިޔުންތައް ވަނީ ފޮހެލާފައެވެ.
އެ ގުދަނުގެ ތެރެއިން 100 ޑޮލަރުގެ 198 ނޫޓު ފެނިފައިވާއިރު އޭގެތެރެއިން 15 ނޫޓު ފިޔަވައި ބާކީ ހުރި ހުރިހާ ނޫޓުތަކުގައިވާ ކުރެހުމާއި ލިޔުންތައް ވެސް ވަނީ ފޮހެލާފަ އެވެ. އަދި އޭގެތެރޭގައި ސައްޚަ ތިން ނޫޓެއް އޮތެވެ.
ޝަރީއަތުގެ މަޖިލީހުގައި އިހުސާން ބުނެފައި ވަނީ އެ ނޫޓުތަކަކީ "މޯޑު" ނަމަކަށްކިޔާ މީހަކު އޭނައާ ހަވާލުކުރި ތަކެތި ކަމަށެވެ. ނަމަވެސް އެކަން އޭނާއަށް ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާތީ އެކުށުގެ ޒިންމާ އިހްސާން އުފުލަން ޖެހޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަކިވަކިން ކުރި ތިން ހުކުމްގައި ވެސް ވަނީ ކަނޑައަޅާފައެވެ.