22 Sep 2014, 17:29
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލިފައިވާ މައްސަލާގައި ރާއްޖެ އިން ބޭރުގެ ފަރާތަކާ ހަވާލު ކޮށްގެން ހިންގާފައިވާ ކަމަށް ބުނާ ތަހްގީގީ ރިޕޯޓެއް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން މިއަދު އާންމުކޮށްފި އެވެ.
އެމްޑީއެން އިން ބޭރުގެ ތަހުގީގު ކުރާ ފަރާތަކާ ހަވާލުކޮށްގެން ހިންގާފައިވާ ކަމަށް ބުނާ އެ ރިޕޯޓުގައި ރިޟްވާން ގެއްލުނު ހާދިސާއާ ގުޅުން ހުރި ކަމަށް ބުނާ ބައެއް ފަރާތްތަކުގެ ނަމާއި ފޮޓޯ ވެސް އާންމުކޮށްފައިވެ އެވެ. އަދި ރިޟްވާން ހޯދުމަށް ފުލުހުން މިހާރު ހިންގަމުންދާ ތަހްގީގުގައި އިތުރަށް ތަހްގީގު ކުރެވެން ޖެހޭ ކަމަށް ފާހަގަ ކުރެވޭ ކަންތައްކެއް ވެސް ވަނީ ހިމަނާފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ރިޟުވާނު އަމިއްލަ އަށް މަރުވެފައިވާ ކަމަށް އޭނާ އާ އެކު އެންމެ ފަހުން މަސައްކަތް ކުރި އެއްވެސް މީހަކު ގަބޫލު ނުކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި އެހެންމެ އަމިއްލަ އަށް ފިލައިގެން އުޅެދާނެ ކަމަށް ބެލެވޭ ތިއަރީ އަށް ވެސް އެ ތަހްގީގަށް ގަބޫލު ނުކުރެވޭ ކަމަށް ވަނީ ބުނެފަ އެވެ.
ހަމަ އެހެންމެ ރިޟްވާނަށް ބައެއް މީހުން ފާރަލާފައިވާކަން ތަހްގީގަށް އެނގޭ ކަމަށް ބުނެ ބައެއް މީހުންގެ ފޮޓޯ އާއި ނަން ވަނީ ހާމަ ވެސް ކޮށްފަ އެވެ.
އެ ތަހްގީގުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ނުވި ނަމަވެސް ރިޟުވާން ގެއްލުމާއި ސިޔާސީ ބައެއް ފަރާތްތަކާ ގުޅުން ހުރެދާނެ ކަމަށް ބުނެ ބައެއް ވާހަކަތައް ވެސް ހިމަނާފައިވެ އެވެ.
ފުލުހުންގެ ތަހްގީގެއް ހިނގަމުންދަނިކޮށް އަމިއްލަ ފަރާތަކުން ކޮށްފައިވާ ތަހްގީގުން އެނގިފައިވާ މައުލޫމާތުތަކެއް އާންމުކުރުމުން ފުލުހުންގެ ތަހްގީގަށް އެއްވެސް ހުރަހެއް އެޅިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އެމްޑީއެން އިން މިއަދު ވަނީ ބުނެފަ އެވެ. އެ ޖަމިއްޔާ އިން ބުނެފައި ވަނީ އެ ޖަމިއްޔާ އިން އެ ތަހްގީގު ބޭރުގެ ފަރާތަކާ ގުޅިގެން ހިންގީ ފުލުހުންގެ ތަހްގީގަށް ފަސޭހަ ކޮށްދިނުމަށް ކަމަށެވެ. އަދި އެ ޖަމިއްޔާ އިން މިއަދު އާންމުކުރި ރިޕޯޓް ފުލުހުންނަށް ވެސް ދީފައިވާނެ ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.
ނަމަވެސް އެ ތަހްގީގު ހިންގީ ބޭރުގެ ކޮން ފަރާތަކާ ގުޅިގެން ކަމެއް ބުނެފައެއް ނުވެ އެވެ. މިއަދުގެ ނޫސްކޮންފަރެންސުގައި އެ ސުވާލު ކުރުމުން އެ ޖަމިއްޔާ އިން ބުނީ އެއީ އިނގިރޭސިވިލާތުގެ މީގެއް ކަމަށެވެ. ނަމަވެސް އެ މީހާގެ ނަމެއް ނުބުންޏެވެ.
ނޯޓު:
އަމިއްލަ ބަޔަކު ކުރި ތަހްގީގު ރިޕޯޓްގައި ބަޔާންކޮށްފައިވާ މީހުންގެ ނަމާއި މައުލޫމާތު އާންމު ނުކުރީ އެއީ ޖިނާއީ މައްސަލައަކަށްވެފައި އެ މައްސަލައަކީ މިހާރު ވެސް ފުލުހުން ބަލަމުން އަންނަ މައްސަލައަކަށްވާތީ އެވެ.